އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވަން ވިހާވެސް އަވަހަށް ސަރުކާރުން ހުއްދަ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި އައްޑޫގައި އިންޑިއާގެ އިންވެސްޓްމަންޓް ތަކަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އޭގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ވިސާ ލިބުމުގައި ފަސޭހަވާނެ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވީހާވެސް އަަވަހަށް ހުއްދަ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް އެހެން ވިދާޅުވާއިރު އައްޑޫ ޑިވޮލަޕްމަންޓް ކޮމިޓީން ވަނީ އައްޑޫ ސިޓީގައި މިހާރު ތަރައްގީ ކުރަމުންދާ ޕޮލިސް އެކަޑަމީ އިމާރާތް ހުރި ބިމުގައި އިންޑިއާ ގެ އެމްބަސީއެއް ހެދުމާ އައްޑޫގެ ގިނަ ރައްޔިތުން ދެކޮޅު ކަމަށް ބުނެފައެވެ. އަދި އިންޑިއާ އިން މިފަދަ ނިންމުމެއް ނިންމި އިރު އައްޑޫ ސިޓީ ކައުންސިލްގެ ނިންމުމާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނިންމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާމަ ކުރަންޖެހޭ ކަމަށް ވެސް އެ ކެމެޓީން ބުނެއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ އައްޑޫގައި ކޮންސުލެޓް އޮފީހެއް ހެދުމަކީ ވަރަށް ފައިދާހުރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އައްޑޫ ޑިވަލޮޕްމެންޓް ކޮމިޓީއަކީ އައްޑޫގެ ތަރައްގީއާ އެއްވެސް ގޮތަކަށް ހަވާލުވެފައިވާ ބައެއް ނޫން ކަމަށާއި އެކަމުގައި ރައްޔިތުން ބޭނުންވާ ގޮތް އިނގެނީ އާންމުންގެ ވޯޓެއް ނަގައިގެން ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެކަމާ ގުޅިގެން މިހާތަނަށް ވިދާޅުވެން އޮތީ އެއީ އިންޑިއާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ނިންމުން ހިއްސާކުރާނެ ކަމާއި އަދި ދެގައުމުގެ ދޭތެރޭ އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއްފަރާތުން އަނެއް ފަރާތައް އެދޭ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ދެކެވެން ޖެހޭ ވާހަކަތައް ދެކެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން އަދި ޑިޒިޝަން އަދި ނުނަގާ ކަމަށް ރައީސް ވިދާޅުވިއެވެ.