އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމާ މެދު އައްޑޫ ރައްޔިތުން ދެކޮޅު ކަމަށް އައްޑޫ ޑިވޮލަޕްމަންޓް ކޮމިޓީން ބުނެފިއެވެ.

އެ ކޮމެޓީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އައްޑޫ ސިޓީގައި މިހާރު ތަރައްގީ ކުރަމުންދާ ޕޮލިސް އެކަޑަމީ އިމާރާތް ހުރި ބިމުގައި އިންޑިއާ ގެ އެމްބަސީއެއް ހެދުމާ އައްޑޫގެ ގިނަ ރައްޔިތުން ދެކޮޅު ކަމަށެވެ.

އިންޑިއާ އިން މިފަދަ ނިންމުމެއް ނިންމި އިރު އައްޑޫ ސިޓީ ކައުންސިލްގެ ނިންމުމާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނިންމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާމަ ކުރަންޖެހޭ ކަމަށް ވެސް އެ ކެމެޓީން ބުނެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ހަރުދަނާވުމުގެ އިތުރުން ޑިޕްލޮމެޓިކް ބޭނުންތަކަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ އަދަދު އިތުރު ކުރެވޭނެ ކަމަށެވެ.

އަދި ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަ ވުމުން ރާއްޖޭގެ ބާޒާރުތަކުގައި އިންޑިއާގެ ކުންފުނިތަކަށް ހުންނަ ފުރުސަތުތައް ވެސް އިތުރު ކުރެވޭނެ ކަމަށް ވެސް އިންޑިއާގެ މީޑިއާއިން ވަނީ ބުނެފައެވެ. މިކަމުން އިންޑިއާގެ އިގުތިސާދާއި ވަޒީފާގެ ބާޒާރަށް ސީދާ ފައިދާތަކެއް ކުރާނެ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ރޭ ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެކަމާ ގުޅިގެން މިހާތަނަށް ވިދާޅުވެން އޮތީ އެއީ އިންޑިއާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ނިންމުން ހިއްސާކުރާނެ ކަމާއި އަދި ދެގައުމުގެ ދޭތެރޭ އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއްފަރާތުން އަނެއް ފަރާތައް އެދޭ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ދެކެވެން ޖެހޭ ވާހަކަތައް ދެކެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން އަދި ޑިޒިޝަން އަދި ނުނަގާ ކަމަށް ރައީސް ވިދާޅުވިއެވެ.