އައްޑޫ ސިޓީން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫ ކޮވިޑް ފެސިލިޓިގައި އެޑްމިޓްކޮށްފައި އޮތް 91 އަހަރުގެ ދިވެހި ފިރެހެނަކު މިއަދު ހެނދުނު 10:20 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ބަލީގައި އައްޑޫން މަރުވި 2 ވަނަ މީހާއެެވެ. އައްޑޫން މީހަކު ކޮވިޑް ބަލީގައި ފުރަތަމަ މަރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. އެއީ އުމުރުން 84 އަހަރުގެ ފިރިހެނެކެވެ.

މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 145 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވެފައިވާ މި ދަނޑިވަޅުގައި މިދިޔަ ހޯމަ ދުވަހު އެކަނި ވެސް ވަނީ 13 މީހަކު މަރުވެފައެވެ. އޭގެ ތެރެއިން 11 މީހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 74 އަށް އަރާފައި ވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 145 އަށް އަރާފައެވެ.