ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ޕާލިމެންޓަރީ އިންކުއަރީ އަށް މައުލޫމާތުދޭ މުވައްޒަފުންނަށް ފިޔަވަޅު ނޭޅުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިލްތިމާސް ކޮށްފިއެވެ.

އެ ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އިންކުއަރީ އަށް ހާޒިރުކުރާ ފުލުހުންނާއި، އެމްއެންޑީއެފްގެ އޮފިސަރުން ނުވަތަ ދައުލަތުގެ އެހެންވެސް މުވައްޒަފަކު އިންކުއަރީ އަށް ދޭ މައުލޫމާތަކާ ގުޅިގެން، އެފަރާތެއް އަދާކުރާ ވަޒީފާއަށް އަސަރުކުރާ ފަދަ އެއްވެސް ފިޔަވަޅެއް އެއްވެސް އިދާރާއަކުން ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން 241 ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ ނިންމުމަށް އަމާޒު ކޮށްފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އެ ކޮމިޓީގެ މަސައްކަތްތަކަކީ އެމައްސަލަ ތަހުގީގު ކުރުން ނޫން ކަމަށާއި ކުރާނެ މަސައްކަތަކީ ހަމަލާ ދޭން މެދުވެރިވީ ސަބަބުތައް ދެނެގަތުމުގެ އިންކުއަރީއެއް ހެދުން ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން ދާއިރު 4 މީހަކު ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އާއި އެ މައްސަލައިގެ އަތެއް އޮތް ކަމަށް ތުހުމަތު ކުރެވިގެން ބ. ދަރަވަންދޫން ހައްޔަރު ކޮށްފައިވާ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ވީޑިއޯ ބަލާއިރު، ރައީސް ނަޝީދު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ދެކުނަށް ވަޑައިގެން މަޖީދީ މަގު ކަންމައްޗަށް އަރާ ހަމަވާ ތަނުން އެ ކަންމަތީގައި ޕާކު ކޮށްފައި ހުރި ސައިކަލުގައި ހަރުކޮށްފައި ހުރި ބޮން ގޮއްވާލާއެވެ. އަދި ހަމަލާ ދިން މީހާ ދުވެފައި ދާތަން ފެނެއެވެ.

ބޮން ގޮއްވާލި އިރު، ނަޝީދުގެ އަރިހުގައި 2 ބޮޑީގާޑުންނާއި ކާރުކޮޅުގެ ޑްރައިވަރު ހުރެއެވެ.