ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިހުގެ 6 ވަނަ ދުވަހު ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރާތީ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މިގޮތުން، މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަކީ ހިތާމަހުރި ކަމެއް ކަމަށާ އެކަމާ އިންކާރުކުރާ ބަޔަކު ނެތް ކަމަށެވެ. އަދި ކިތަންމެ ހެޔޮ ނިޔަތެއްގައި ނަމަވެސް އިރުއިރުކޮޅާ އެމަނިކުފާނުގެ ހަށިކޮޅުގެ ފޮޓޯ ސޯޝަލް މީޑިއާއަށް ލަމުން ދިޔުމަކީ އައިބު ކަމެއްގެ ގޮތުގައި އިބުރާ ވަނީ ފާހަގަކޮށްފައެވެ.

ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ފާރު އެބަ ހިކޭކަމަށާއި ބައެއް ބޭފުޅުންނަށް ވީވަރު އަދި ވާ ގޮތް ސާފުނުވާތީ ދަންނަވާލީކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން އިއްޔެ ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.

ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު (ކ) ރައީސް މުހައްމަދު ނަޝީދު (ވ)

އެ ޓްވީޓު ރި ޓްވީޓު ކުރައްވަމުން ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައި ވަނީ ފަލަ ސުރުޙީން ޖާގަ ހޯއްދަވަން އެފަދަ ފޮޓޯއެއް ދޫކޮށްލުމަކީ ތަހުޒީބު ގޮތެއް ނޫން ކަމަށެވެ. އަދި މަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަކީ ވަރަށް ބޮޑު އަނިޔާއެއްކަން އެންމެންނަށް އެނގޭ ކަމަށާ އަވަސް ޝިފާއަކަށް އެދި ދުއާ ކުރައްވާ ކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ. އަދި ފަސޭހަވަގެން އަވަހަށް ސިޔާސީ މަސައްކަތްތަކަށް ނިކުންނެވުމަށްވެސް މަލީހް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް އިތުރަށް ފަރުވާ ހޯދުމަށް ޖަރުމަނަށް ވަޑައިގެންފައި ވާއިރު، އާއިލާއިން ބުނެފައިވަނީ ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާ ހޮސްޕިޓަލުންވެސް މިހާރު ދޫކޮށްލައިފި ކަމަށެވެ. ނަމަވެސް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގޭ ކަމަށްވެސް އާއިލާއިން ބުނެއެވެ.