އިޒްރޭލާއި ފަލަސްތީނާ ދެމެދު ދިގުލާ ގޮސްފައިވާ މައްސަލައަށް ހައްލު ހޯދުމަށް ތަކުރާރުކޮށް އެއް ވާހަކަތަކެއް ދައްކަމުން އަންނަތާ އެތައް އަހަރެއް ފާއިތުވެފައި ވާކަމަށާ، "ފަލަސްތީނުގެ ސުވާލަށް" ޖަވާބެއް ހޯދުމަށް އދގެ އާންމު މަޖިލީހުގައި މަސައްކަތްކޮށް، 70 އަހަރު ވީއިރުވެސް ކާމިޔާބެއް ނުލިބި، ފެއިލް ވެފައި ވާކަމަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިފަދަ ރޫހެއްގައި ޝާހިދު ވާހަކަދައްކަވާފައި މިވަނީ، މެދުއިރުމަތީގެ މަސްރަހާ، ފަލަސްތީނުގެ ސުވާލާ ގުޅިގެން އދގެ އާންމު މަޖިލީހުގެ ގުޅިފައިވާ ބަހުސްގައި، ދިވެހިރާއްޖޭގެ ފަރާތުން ރޭގެ ވަގުތެއްގައި ތަގުރީރު ކުރައްވަމުންނެވެ.

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އދގައި / ފޮޓޯ: ޓްވިޓާ

މެދުއިރުމަތީގެ މައްސަލައާ ގުޅިގެން އދގެ އާންމު މަޖިލީހުގައި ބަހުސްކޮށް ގަރާރުތައް ފާސް ކުރަމުންދާތާ 70 އަހަރު ވީއިރުވެސް ހަގީގީ މައިދާނަށް އައިސްފައި ވަނީ ކުޑަ ބަދަލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާލުގައި ފަލަސްތީނުގެ އެތައް ޖީލެއް ދުނިޔެ ދެކެފި ކަމަށާ، މި ހުރިހާ އެންމެންވެސް ދިރިއުޅެމުން ދިޔައީ ފިއްތާލެވި، އެހެން ބަޔަކު އެބައެއްގެ މައްޗަށް ވެރިވެގެންފައިވާ ބައެއްގެ ގޮތުގައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދގެ އާއްމު މަޖިލީހުގެ ބަހުސެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ

ފަލަސްތީނުގެ ތަކުލީފުތަކަށް ރާއްޖެ ކަންބޮޑުވުން

ފާއިތުވީ ހަފުތާކަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް އިވެމުން ދިޔައީ ބޮމުގެ އަޑުފަށްގަނޑު ކަމަށާ، އަމިއްލަ ގެތަކުގެ އިތުރުން، އަގްސޯ މިސްކިތުގައި ތިއްބާވެސް އެ ރައްޔިތުން މަރަމުންދާ ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. ބަރަކާތްތެރި ރޯދަމަހާއި، އުފާ ކުރަން ލިބޭ ފިތުރު އީދުވެސް ފަލަސްތީނުގެ މައުސޫމު ރައްޔިތުން ހޭދަ ކުރީ ނަމާން ކަމާ ބިރުވެރި ކަމުގެ ތެރޭގައި ކަމަށް ޝާހިދުގެ ތަގުރީރުގައި ފާހަގަ ކުރެއްވިއެވެ.

އިޒްރޭލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސް އަދި ގައްޒާއަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ މެދު ދިވެހި ސަރުކާރާއި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށާ، މި އަމަލުތަކަކީ، ދިވެހި ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ޖަރީމާތަކެއް ކަމަށްވެސް ޝާހިދު ވަނީ ތަކުރާރު ކުރައްވާފައެވެ.

އިޒްރޭލުގެ އުދުވާންތަކުގައި ގައްޒާއިން މަރުވި މީހުންގެ އާއިލާތަކުގެ ހިތާމަތަކަށް ނިމުމެއް ނެތް / ފޮޓޯ: އަލްޖަޒީރާ

އަނގަމަތި ހާ ޖަލެއްގައި 15 އަހަރު

އައިސޮލޭޓް ވުން ނުވަތަ އެކަހެރިވުމަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔެއަށް އާންމު ވެގެން ދިޔަ ކަމެއް ކަމުގައި ވީ ނަމަވެސް، ގައްޒާގެ 2 މިލިއަނެއްހާ ރަށްވެހިން، ފާއިތުވީ 15 އަހަރެއްހާ ދުވަސް ހޭދަ ކޮށްފައި ވަނީ މުޅި ދުނިޔެއާ އެކަހެރި ވެގެން ކަމަށް ޝާހިދުގެ ތަގުރީރުގައި ފާހަގަ ކުރެއްވިއެވެ.

41 ކިލޯމީޓަރު ދިގު އަދި އެންމެ 12 ކިލޯމީޓަރު ފުޅާ ގައްޒާއަކީ، ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައި ސިފަކުރައްވަމުން ޝާހިދު އިތުރަށް ވިދާޅުވީ، ގައްޒާގައި ރައްކާތެރިކަން ކަށަވަރުވާ ހަމަ އެންމެ ތަނެއްވެސް ނެތް ކަމަށެވެ.

އިޒްރޭލުގެ އުދުވާންތަކާ ގުޅިގެން ގައްޒާގެ ގިނަ ބަޔަކު ހިޔާވަހިކަން ހޯދަމުން ދަނީ އދއިން ހިންގާ ސްކޫލްތަކުގަ / ފޮޓޯ: އަލްޖަޒީރާ

ވަކި މީހަކަށް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައި ވާކަމަށާ، އުމްރާނީ ބިނާވެއްޓަށްވެސް ބޮޑެތި ގެއްލުންތަކެއް ދޭ ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި، ގައްޒާގައި ކޮވިޑަށް ޓެސްޓު ކުރާ ހަމައެކަނި މަރުކަޒުވެސް ހިމެނޭ ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިހާރުން މިހާރަށް ހަމަލާ ބަދަލު ކުރުން ހުއްޓާ ނުލައިފިނަމަ، ދެން ގައްޒާ ފެންނަނީ، ސުންނާފަތިވެ، ގާ ކުނޑިއަށް ވެފައި ވަނިކޮށް ކަމަށްވެސް ޝާހިދުގެ ތަގުރީރުގައި ވަނީ ސިފަކުރައްވާފައެވެ.

ފަލަސްތީނުގެ ތަކުލީފަށް ބީރު ކަންފަތެއް ދެވޭކަށް ނެތް

ކޮންމެ ކުއްޖަކަށްވެސް ހުރިހާ ހައްގެއް ހޯދާދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަމާޒު ހިފާފައި ވާއިރު، މި ހައްގު ލިބެންޖެހޭ ކުދިންގެ ތެރޭގައި ފަލަސްތީނުގެ ކުދިންވެސް ހިމެނޭ ކަން، ޝާހިދު ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ހަނދާން ކޮށްދެއްވާފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންގެ ތަކުލީފުތައް ނުފެންނަ ކަމަށް ހަދައިގެން ތިބެގެން ނުވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. މި މޭރުމުން ޝާހިދު ވަނީ، ގައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް ގޮވާލައްވާފައެވެ.

ގައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަކީ އިޒްރޭލުގެ އުދުވާންތަކުގައި އެންމެ ބޮޑަށް ޒަހަމްވާ މީހުންނަށް ފަރުވާދޭ މަރުކަޒު / ފޮޓޯ: ޖަޕާން ޓައިމްސް

މެދުއިރުމަތީގެ މަސްރަހަށް ހަމަޖެހުން އޮތް ހަމައެކަނި ގޮތަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، ދިގުދެމިގެންދާ ހައްލެއް އެކަނި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަކީ ސުލްހައާއި ކުރިއެރުމާއި އަބުރުވެރި ދިރިއުޅުމެއް ހައްގު ބައެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ މަސްރަހަށް ހަމަޖެހުން އޮތީ، މަޝްވަރާކޮށްގެން ކަމަށާ، އެ މަޝްވަރާތަކަކީ، އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރަނިވި ކަންކަމަށް ވާންޖެހޭނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ޝާހިދު ވަނީ، ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކީއާ ބައްދަލު ކުރައްވާ،ދިވެހި އަހުންނާއި އުހުތުންގެ ބަދަލެއް ނެތް އެއްބާރުލުމުގެ ޔަގީންކަން ފަލަސްތީނަށް އަރުވާފައެވެ.

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް މެެއި 18، 2021 ގައި ހިންގި ހަރަކާތް / ފޮޓޯ: އައިޝަތު ޝާޒުލީން | ދަ ޕްރެސް

އދގެ އާންމު މަޖިލީހުގެ ބަހުސަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ، އިޒްރާލާއި ގައްޒާއިން ވަނީ ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައެވެ. މިކަމުގައި އިސް މެދުވެރިއެއްގެ ދައުރު އަދާ ކުރީ މިސްރުންނެވެ.

އިޒްރޭލުގެ ވަޒީރުންގެ މަޖިލީހާ، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއާތުން، ހަމަލާ ބަދަލު ކުރުން ހުއްޓާލާ އެއްބަސްވުން ބަލައިގެންފައި ވަނީ އެއްވެސް ޝަރުތަކާ ނުލައެވެ. މި އެއްބަސްވުން ތަންފީޒު ކުރަން ފަށާފައި ވަނީ ރާއްޖެ ގަޑިން ރޭ ފަތިރިހު 03:00 ހާއިރުއެވެ.