ޔަހޫދީ އިޒްރޭލާއި ފަލަސްތީނުގެ ގައްޒާއާ ދެމެދު، 11 ދުވަހަށް ދެމިގެންދިޔަ ހަމަލާ ބަދަލު ކުރުންތައް ހުއްޓާލައިފިއެވެ.

އިޒްރޭލާއި ގައްޒާއާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލާފައި ވަނީ، މިސްރު މެދުވެރިވެ އޮވެ، އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމާއެކު، ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މަގުތަކަށް ނިކުމެ، އުފާ ފާޅު ކުރަމުންނެވެ.

އިޒްރޭލާއި ގައްޒާއާ ދެމެދު 11 ދުވަހަށްފަހު މެއި 21، 2021 ވަނަ ދުވަހު ހަމަލާ ބަދަލު ކުރުން ހުއްޓާލުމުން ގައްޒާގައި އުފާ ފާޅު ކުރަނީ / ފޮޓޯ: ރޮއިޓާޒް

ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ދަނީ މިކަން ފާހަގަ ކުރަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު

11 ދުވަހަށް ފަހު ހަމަލާ ބަދަލު ކުރުން ހުއްޓާލުމާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ، އެކަމަށް މަރުހަބާ ވިދާޅުވެ، ސޯޝަލް މީޑިއާއަށް ޓްވީޓެއް ދޫކުރައްވާފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އިންސާނީ އެހީއާ، ސަރަހައްދީ ހަމަޖެހުމާ ސުލްހަ މަސަލަސްކަން ކަށަވަރު ކުރުމަށް، އިހުނަށް ވުރެ ބޮޑަށް، ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ބޭނުން ވެފައި ވާ ކަމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، ހަމަޖެހުން ގާއިމު ކުރުމުގެ އިތުރުން، ދެބަސްވުންތަކުގެ ހަގީގީ މައްސަލައަށް ރިއާޔަތްކޮށް، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ޒިންމާ، އިޒްރޭލާއި ފަލަސްތީނުގެ ލީޑަރުންނަށް އޮތް ކަމަށެވެ.

ގައްޒާއަކީ މުސްތަގުބަލުގައި އެކުލަވާލެވޭ ފަލަސްތީނު ދައުލަތުގެ މުހިންމު ބައެއް ކަމަށާ، ފަލަސްތީނުގައި "ގައުމީ ފެންވަރުގައި" ސުލްހަ މަސަލަސްކަން ގާއިމުކޮށް، ބައިބައިވުންތައް ނައްތާލުމަކީވެސް މުހިންމު ކަމެއް ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަންއަކީ އިޒްރޭލާއި ފަލަސްތީނުގެ ސުލްހައަށް ގޮވާލެއްވުމުގައި އެންމެ ފަނޑު ގޮތަކަށް އަޑު އުފުއްލެވި ލީޑަރެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ބަދަލު ކުރަމުން ދިޔަ ހަމަލާތައް ހުއްޓާލުމާއެކު ބައިޑަން ވަނީ، ގައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި އދއާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު އެމެރިކާއިން މަސައްކަތް ކުރަމުން ދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގައްޒާ އާރާސްތު ކުރުމުގެ މަސައްކަތަށްވެސް އެމެރިކާއިން އެއްބާރުލުން ދޭނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އިޒްރޭލާއި ފަލަސްތީނުގެ ރައްޔިތުންނަކީވެސް ސަލާމަތާއި ރައްކާތެރިކަމާއެކު، އެއް ހަމައެއްގައި މިނިވަންކަމާއި ކުރިއެރުމާއި ޑިމޮކޮރަސީގެ ފޮނިކަން އިހްސާސް ކުރެވެންޖެހޭނެ ބައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ ހުދުމުހުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫއާއި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން / ފޮޓޯ: ޕޮލިޓިކޯ

މިސްރުގެ ރައީސް ޢަބްދުލްފައްތާހު އަލް-ސީސީ

މިސްރުގެ ރައީސް ޢަބްދުލްފައްތާހު އަލް-ސީސީ ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ފޯނުކޯލެއް ލިބިވަޑައިގެންނެވި ކަމަށާ، އިޒްރޭލާއި ގައްޒާ ސުލްހަ ކުރުމުގައި ދެގައުމުގެ ތަސައްވުރު އޮތީ އެއްގޮތަކަށް ކަމަށެވެ. އަދި މިއީ އިންތިހާއާއަށް އުފާ ކުރައްވާ ކަމެއް ކަމަށްވެސް ސީސީ ވަޏީ ވިދާޅުވެފައެވެ. ތަސައްވުރަކީ ޑިޕްލޮމަސީގެ ތެރެއިން ކަންކަން ހައްލު ކުރުން ކަންވެސް ސީސީ ވަނީ ފާހަގަ ކުރައްވާފައެވެ.

އިޒްރޭލާއި ގައްޒާއާ ދެމެދު 11 ދުވަހަށްފަހު މެއި 21، 2021 ވަނަ ދުވަހު ހަމަލާ ބަދަލު ކުރުން ހުއްޓާލުމުން ގައްޒާގައި އުފާ ފާޅު ކުރަނީ / ފޮޓޯ: ދަ ސްޓާ

އިޒްރޭލާއި ގައްޒާއާ ދެމެދު 11 ދުވަހަށް ދެމިގެން ދިޔަ ހަމަލާ ބަދަލު ކުރުންތަކުގައި ގައްޒާއިން 232 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، އޭގެ ތެރޭގައި 65 ކުޑަކުދިން ހިމެނެއެވެ. އިޒްރޭލާ ވީ ފަޅިން މަރުވީ 12 މީހުން ކަމަށް ވާއިރު، އޭގެ ތެރޭގައި 2 ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުން ގައްޒާއަށް ދޭ އުދުވާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ސަރަހައްދެއް / ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުގެ ވަޒީރުންގެ މަޖިލީހާ، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއާތުން، ހަމަލާ ބަދަލު ކުރުން ހުއްޓާލާ އެއްބަސްވުން ބަލައިގެންފައި ވަނީ އެއްވެސް ޝަރުތަކާ ނުލައެވެ. މި އެއްބަސްވުން ތަންފީޒު ކުރަން ފަށާފައި ވަނީ ރާއްޖެ ގަޑިން ރޭ ފަތިރިހު 03:00 ހާއިރުއެވެ.