ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރެއްވިކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުކުންނަވާފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބޭ ވަޓްސްއަޕް ގުރޫޕުގައި ގާސިމު ކުރެއްވި މެސެޖެއްގައި އީސައާއި އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ހިއްސާކުރައްވައި ވިދާޅުވީ އީސަގެ ދަރިފުޅު އޭނާ އުރުއްވައިގެން އިންނެވި ފޮޓޯއެއް ކަމަށެވެ. އަދި އެއީ އީސަގެ ފޯނުގައި ޕްރޮފައިލް ޕޮޓޯކަމަށާއި އެފަދަ ލޯބިވާ ކުއްޖަކާމެދު އެފަދަ އަމަލެއް އީސަ ހިންގަވާފާނެ ކަމަށް ގަބޫލުކުރައްވަން ދަތި ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ކަމަށެވެ. ގާސިމް ވަނީ އެ މައްސަލަ ވަރަށް އިންސާފުން ތަހުގީގުކުރަން ޖެހޭ ކަމަަށް ވިދާޅުވެފައެވެ.

ތަހުގީގެއް ހިންގުމަށް މީހަކު ހައްޔަރުކުރެވޭނީ ގާނޫނު އަސަސީގައި ބަޔާންކޮށްފައިވާ 4 ސަބަބެއް ފުރިހަމަވުމުން ކަމަށާއި އެހެން ނޫންނަމަ އެ މީހަކު ހައްޔަރުކުރުން ގާނޫނު އަސާސީއާ ހިލާފުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މީހަކު ބުނާހާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އީސަގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރަން ޖެހޭނީ އެއްވެސް މީހަކު ހައްޔަރުނުކޮށް، އެއްވެސް މީހަކު ބަންދުގައި ނުބަހައްޓާ އަދުލުވެރިކަމާއެކު، އިންސާފުން ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލައެއް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައި ވާއިރު، އެއީ މެންބަރު އީސައަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި މި މައްސަލައިގައި އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށާއި ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ގެންފިޔަ ކަމަށް ވެސް މީޑިއާތައް ރިޕޯޓް ކުރެއެވެ.