ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިންގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ އިންޑިއާއިން، މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ބޮޑު ޝިޕްމަންޓެއް އެކްސްޕޯޓް ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑަ ކަމަށް، އިންޑިއާ ސަރުކާރުގެ 3 މަސްދަރަކާ ހަވާލާދީ، ރޮއިޓާޒް އިން ރިޕޯޓް ކޮށްފިއެވެ.

މިއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކެއްގައި އެއް ހަމައެއްގައި ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެ އޮވެ، އެކުލަވާލި ބައިނަލްއަގުވާމީ ވެކްސިން އިއްތިހާދު (ކޮވެކްސް)ގެ ވެކްސިން ސަޕްލައިއަށްވެސް ބޮޑު ހީނަރު ކަމެއް އަންނާނެއެވެ.

ސްރީލަންކާގެ ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން / ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

އޮކްޓޫބަރު މަހުގެ ކުރިން އިންޑިއާއިން ވެކްސިންގެ ބޮޑު ޝިޕްމަންޓްތަކެއް އެކްސްޕޯޓް ނުކުރާނެ ކަމަށް އިންޑިއާގެ ސަރުކާރުގެ މަސްދަރުތަކަކާ ހަވާލާދީ ރޮއިޓާޒް އިން ރިޕޯޓް ކުރާއިރު، މިއީ، ކުރިން ހީކުރި ވަރަށްވުރެ ބޮޑު މަޑުޖެހުމެކެވެ. އިންޑިއާއިން ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައި ވަނީ، ބަލިމަޑުކަމުގެ ތޫފާނަކަ ކުރިމަތިލާންޖެހި، އެ ގައުމުގެ ވެކްސިން ކެމްޕޭނަށް ހުރިހާ ވަސީލަތެއްހެން ހުސްކޮށްލުމަށް ނިންމި ނިންމުމުގެ ސަބަބުންނެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ކޮވިޑް ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންވެސް ވަނީ، އަވަސް ގޮތަކަށް ވެކްސިން ނުލިބޭނެ ކަމަށް އިޝާރާތް ކޮށްފައެވެ. އެގޮތުން ކޮވެކްސްއާއި އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަލުން ފެށޭވަރު ވާނީ، މިއަހަރުގެ ފަހުކޮޅު ކަމަށް ސީރަމް އިންސްޓިޓިއުޓް އިން ވަނީ ބުނެފައެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

އިންޑިއާއިން ވެކްސިން އެކްސްޕޯޓް މަޑުޖައްސާލި ޖައްސާލުން ދިފާއުކުރައްވާ ވާހަކަދައްކަވަމުން އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރޮއިޓާޒްއަށް ވިދާޅުވީ، ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަކީ އިންޑިއާއާ މަތިކޮށްފައިވާ ލާޒިމު ޒިންމާއެއް ނޫން ކަމަށެވެ. އަދި ބައެއް ގައުމުތަކަށް ވެކްސިން ލިބުމުގައި ލަސްތަކެއް އުޅޭނެ ކަން އެ ގައުމުތަކަށް އަންގާފައި ވާނެ ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ސަރުކާރުން ރޮއިޓާޒްއާ ވާހަކަދެއްކެވި އަނެއް ދެ މަސްދަރުން ވަނީ، ވެކްސިން އެކްސްޕޯޓްގެ މަސައްކަތް އަލުން ފެށުން ބަރޯސާވަނީ، އިންޑިއާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ ކޮވިޑްގެ 2 ވަނަ ރާޅު ކޮންޓްރޯލް ކުރެވޭ ގޮތެއްގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެ، ބަލިމަޑުކަމުގެ ތޫފާނީ ކާރިސާއަކާ އިންޑިއާއަށް ކުރިމަތިލާން ޖެހުމުގެ ސަބަބުން، ކޮވެކްސް ފެސިލިޓީއަށް ލިބެން ޖެހޭ، 140 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ނުލިބި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސިނާއީ ފެންވަރުގައި ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ލެބެއް / ފޮޓޯ: ބްލޫމްބާގް ކުއިންޓް

ކޮވެކްސް ފެސިލިޓީއަށް އެންމެ ގިނަ އަދަދަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސް ވެފައި ވަނީ އިންޑިއާގެ ސީރިއަމް އިންސްޓިޓިއުޓް (އެސްއައިއައި) އިންނެވެ. ނަމަވެސް، މިއަހަރުގެ މާޗް މަހުގެ ފަހުން، ސީރަމް އިންސްޓިޓިއުޓްއިން އެންމެ ޑޯޒްއެއްގެ ވެކްސިންވެސް އިންޑިއާއިން ބޭރު ކޮށްފައެއް ނުވެއެވެ.

ކޮވެކްސް ފެސިލިޓީއަށް ވެކްސިން ގަނެ، އެންމެ ބޭނުން ޖެހިފައިވާ ގައުމުތައް ބަލައިގެން ވެކްސިން ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިންނެވެ.

ޔުނިސެފުން މިހާރު ދަނީ، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު (ޖީ7) އާ، ވިލާތުގެ އިއްތިހާދުގެ މެންބަރުންގެ އަތުގައި ހުރި ޑޯޒްތަކުން، ކޮވެކްސް ފެސިލިޓީއަށް ވެކްސިން ހިއްސާ ކުރުމަށް ގޮވާލަމުންނެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ކޮވިޑް ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

ޔުނިސެފުން ބުނީ މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖީ7އާއި ވިލާތުގެ އިއްތިހާދުން 153 މިލިއަން ޑޯޒްގެ ވެކްސިން ޑޯނޭޓް ކުރެވިދާނެއެވެ. އެއީ އެ ގައުމުތަކުގެ އާބާދީއަށް ވައުދުވެފައިވާ ވެކްސިންގެ ޑޯޒްތަކުގެ އިތުރުންނެވެ.

ސީރަމް އިންސްޓިޓިއުޓްއިން ވަނީ، މި އަހަރު ކޮވެކްސް ފެސިލިޓީއަށް ބޭނުންވާ 2 ބިލިއަން ވެކްސިން ޑޯޒް ގެ 2 ބައިކުޅަ 1 ބައި ހާ ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، މިއަހަރުގެ މާޗް، އޭޕްރިލް އަދި މެއި މަހުވެސް އެންމެ ޝިޕްމަންޓެއްވެސް އެސްއައިއައިއިން ފޯރުކޮށްދީފައެއް ނުވެއެވެ. މިއާއެކު، ޖޫން މަސް ނިމޭއިރު، ކޮވެކްސްއަށް މަދުވާ ޑޯޒްގެ އަދަދު، 190 މިލިއަނަށް އަރާނެއެވެ.

ޔުނިސެފްގެ ކޮވެކްސް ސަޕްލައި ކޯޑިނޭޓާ، ޖިއާން ގާންދީ ވިދާޅުވީ، މިހާރު ހާލަތު އޮތި، ދެން ވެކްސިން ޝިޕްމަންޓެއް ލިބޭނެ ގޮތެއް ނޭނގޭ ހިސާބުގައި ކަމަށެވެ. އުއްމީދަކީ، ވީ އެންމެ އަވަހަކަށް ކަންކަން ހަމައަކަށް އެޅުން ކަމަށާ، ނަމަވެސް އިންޑިއާގެ މަސްރަހާ މެދު ސުވާލު އުފެދި، ކަންބޮޑުވާ ކަމަށްވެސް ޔުނިސެފްގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.