ކޮވިޝީލްޑް ވެކްސިން ނެތުމުން ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި 92،000 މީހަކު އެބަތިބި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް އެހެން ވިދާޅުވީ ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މަބްރޫކު ވިދާޅުވީ ކޮވިޝީލްޑްގެ ވެކްސިންގެ މިހާރު ބާކީ ހުރީ 1،200 ޑޯޒް ކަމަށާއި ފުރަތަމަ ޑޯޒަށް ފަހު، ދެ ވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ޖުމުލަ 92،000 މީހުން އެބަތިބި ކަމަށެވެ. އެއީ މާލޭ ސަރަހައްދުން 55،000 މީހުންނާއި ރަށްރަށުން 37،000 މީހުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބުރޫކް ވަނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ވެކްސިން ލިބި އަލުން ވެކްސިން ޖަހަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޝީލްޑްގެ ސްތޯކް ހުސް އެ ވެކްސިން ޖަހައިދިނުން މާލެ ސަރަހައްދުގައި މަޑުޖައްސާލާފައި އޮތުމަށް ފަހު މިހާރު ހުރި ސްޓޮކްގެ ބާކީ ޑޯޒްތަކުން އަންނަނީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބަލި ހާލަތުގެ ސަބަބުން އެޑްމިޓް ކޮށްފައިވާ މީހުންނަށް މި ވެކްސިން ޖަހއިދެމުންނެވެ.

ރާއްޖޭގައި މިހާތަނަށް 302،974 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 142،913 މީހުން ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.