ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާ ގުޅިގެން މާލޭގައި ދިރިއުޅެން ދަތިވެފައިވާ 9 އާއިލާއަަކަށް އަތޮޅުތެރޭގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ބައިނަލް އަގްވާމީ އާއިލާ ދުވަހުގެ ތަހުނިޔާ ފޮނުވަމުން ޖެންޑާ މިނިސްޓްރީން ބުނީ، ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާ ގުޅިގެން މާލޭގައި ދިރިއުޅެން ދަތިވެފައިވާ އާއިލާތަކުގެ ތެރެއިން އަތޮޅު ތެރޭގެ ރަށްރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން "އަހުލު" ގެ ނަމުގައި ހާއްސަ ޕޮރޮގްރާމެއް މިހާރުވެސް އަންނަނީ ކުރިއަށް ގެންދަމުން ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން މިހާރު ވެސް 9 އާއިލާ އަކަށް އަތޮޅުތެރޭގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދެވިފައި ވާނެ ކަމަށެވެ.
މި އަހަރުގެ އާއިލާގެ ދުވަސް ބައްދަލުކޮށްފައިވާ މި ދަނޑިވަޅަކީ ކޮވިޑް 19 ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައި އޮތް ވަގުތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިއީ ވަރަށް ގިނަ އާއިލާތަކަށް ނުތަނަވަސްކަމާއި، ކަންބޮޑުވުން ކުރިމަތިވެފައިވާ ވަގުތެއް ކަމަށާއި ކޮވިޑްގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވާ އުނދަގޫތަކުގެ އިތުރުން އިޖުތިމާއީ ގޮތުންނާއި، ނަފްސާނީ ގޮތުން އަދި މާލީގޮތުން ގިނަ ގޮންޖެހުންތަކަކާ އާއިލާތަކަކުން އަންނަނީ ކުރިމަތިލަމުން ކަމަށް ޖެންޑާއިން ބުނެއެވެ.
އެހެންކަމުން މިފަދަ ދުވަހެއް ފާހަގަ ކުރާ މި ދަނޑީވަޅުގައި ކޮވިޑް ބަލީގައި މިހާތަނަށް ދުނިޔެ ދޫކޮށްދިޔަ އެންމެހާ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޗާތު މުހައްމަދު ދީދީއާއި އެ މިނިސްޓްރީންގެ މުވައްޒަފުންގެ ނަމުގައި ވަނީ އެދިފައެވެ.
ކޮވިޑް ބަލީގައި މިއަދާ ހަމައަށް 94 މިހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނާއިރު މިދިޔަ އަހަރު މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 51 އެވެ. އަދި މިއަހަރު މަރުވި މީހުންގެ އަދަދު މިވަނީ 42 އަށް އަރާފައެވެ. މި މަހު އެކަނިވެސް މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މި ވަނީ 21 އަށް އަރާފައެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށީއްސުރެ އާއިލާތަކަށް ކުރިމަތިވަމުން އައި ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގައި ސަރުކާރުގެ ފަރާތުން އައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މާލެ ސަރަހައްދުގައި ގެންނަން ޖެހުނު ފުރަބަންދުގެ ހާލަތާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު އާއިލާތަކަށާއި، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދޭން ޖެހުނު ފަރާތްތަކަށް އެކަންކަން ފުރިހަމަ ކޮށް ދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މީގެ އިތުރުން ކޮވިޑާ ގުޅިގެން ނާޒުކު ހާލަތުގައި ތިބި އާއިލާތަކުގެ ހާލަތު އިތުރަށް ގޯސް ވިޔަ ނުދިނުމަށްޓަކައި އެފަދަ އާއިލާތަކުގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ބައެއް ކަންކަން ހަމަޖައްސައި ދިނުމުގެ މަސައްކަތް މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ވަނީ ކޮށްފައެވެ.