ކޮވިޑު-19 އަށް ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑުގައި މަރުވެފައިވާ ކަމަށެވެ. އެ މީހާ މަރުވެފައި ވަނީ އައިޖީއެމްއެޗް އެމަޖެންސީ ރޫމަށް ގެނައިފަހުން 12:48 ހާއިރު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.
މިއީ ކޮވިޑުގައި މިއަދު މަރުވި ހަތަރު ވަނަ މީހާއެވެ.
ކޮވިޑް ޖެހިގެން މިއަދު އެންމެ ފުރަތަމަ މަރުވެފައި ވަނީ ރޭ 02:24 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 88 ވަނަ މީހާއެވެ.
ދެވަނައަށް މިއަދު ކޮވިޑް ޖެހިގެން މަރުވެފައި ވަނީ ހެނދުނު 06:30 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 89 ވަނަ މީހާއެވެ.
ތިން ވަނަ އަށް ކޮވިޑުގައި މަރުވެފައިވަނީ ހެނދުނު 09:05 ހާއިރުއެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ގެންދަނިކޮށް 86 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން 91 މީހުން މަރުވެފައިވާއިރު މިހާތަނަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވަނީ މި މަހުއެވެ. އެގޮތުން މިމަހު 6 ވަނަ ދުވަހު ވެސް ވަނީ ކޮވިޑް ބަލީގައި 7 މީހަކު ވަނީ މަރުވެފައެވެ.