ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް ބަޔަކު، އެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔަ، "ފްރެންޑްސް"ގެ ރީޔޫނިއަން ތާރީހާ، އެ އެޕިސޯޑްގެ ޓްރޭލާ އާންމު ކޮށްފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އެތައް ދުވަހަކަށް ފަސް ކުރުމަށްފަހު، "ފްރެންޑްސް: ދަ ރީޔޫނިއަން" އެޕިސޯޑް، އެޗްބީއޯ މެކްސް ސްޓްރީމިންގް ސާވިސް މެދުވެރިކޮށް ބަލާލެވޭނެ ތާރީހަކީ، މެއި 27، 2021 ކަން މިހާރު ވަނީ ހާމަކޮށްފައެވެ.

1990ގެ އަހަރުތަކެ ކުރީކޮޅު ދައްކަން ފެށީ "ފްރެންޑްސް" ސީރީސް، 10 ސީޒަނަށް ފަހު 2004 ވަނަ އަހަރު ނިންމާލި ފަހުން އަދާ ޖެހުނު އިރުވެސް، އެފަދަ ދެވަނަ ސީޒީއެއް، މުނިފޫހިފިލުވުމުގެ ސިނާއަތް ދެކެފައި ނުވާކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

"ފްރެންޑްސް"ގެ މައިގަނޑު ކެރެކްޓަރުން ކަމަށްވާ ޗޭންޑްލާ، ރޭޗަލް، މޮނިކާ، ފީބީ، ޖޯއީ އަދި ރޮސް، ރީޔޫނިއަން އެޕިސޯޑްގައި ފެނިގެންދާއިރު، ޖިލްއާއި ރިޗާޑްގެ ކެރެކްޓަރުވެސް ފެންނާނެ ކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން ލޭޑީ ގާގާ، ޖަސްޓިން ބީބާ އަދި މަލާލާ ޔޫސުފް ޒާއީ ފަދަ ނަން މަޝްހޫރު މީހުންވެސް މި އެޕިސޯޑުން ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރީޔޫނިއަން އެޕިސޯޑްގެ ޓްރޭލާ އާންމު ކޮށްފައި ވާއިރު، އެޕިސޯޑްގެ ނަމުގެ ގޮތުގައި ފެންނަނީ "ދަ ވަން ވެއާ ދޭ ގެޓް ބެކް ޓުގެދާ" އެވެ.

މި އެޕިސޯޑްގެ މަންޒަރުތައް މިދިޔަ މަހު ޝޫޓް ކޮށްފައި ވާއިރު، މި މަސައްކަތް ކުރިއަށް ދިޔައީ "ފްރެންޑްސް" ސީރީޒްގެ އަސްލު މަންޒަރުތައް ނެގި، ކެލިފޯނިއާގެ ބާބަންކްގައި އޮންނަ ވޯނާ ބްރޯސްގެ ބިމުގައެވެ. މި އެޕިސޯޑް ރެކޯޑް ކޮށްފައި ވަނީ ލައިވް އޯޑިއަންސްއެއްގެ ކުރިމަތީގައެވެ.