ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ދިވެހި ފައިސާގެ ނޫޓު ކުރެއްސެވުމުގެ ޝަރަފު ލިބިވަޑައިގެން ފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ރޭ ފަތިހު އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 93 އަހަރުގެ ސަރުދާރު ދޮންބެ އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ. އޭނާ އަވަހާރަ ވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.

ރާއްޖޭގައި ކޮވިދް ފެތުރެން ފެށި ދުވަސްކޮޅު ކޮވިޑް ޖެހިގެން އޭނާ ފަރުވާ ހޯއްދަވާ ވަނީ ފަސޭހަވެފައެވެ.

ކުރެހުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންފައި ސަރުދާރު ދޮންމެ އަކީ ވަރަށް ކުޑައިރުއްސުރެ ކުރެހުމުަގއި އުޅުއްވި ބޭފުޅެކެވެ. އެގޮތުން ބޮޑެތި ތަސްވީރުތައް ކުރެއްސެވުމާއި ގިޑިގެ ފަދަ ތަންތަން ޑިޒައިން ކުރެއްވުމުގެ މަސައްކަތްތައް އޭނާ ކުރެއްވިއެވެ.

މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކައްޓާއި، މަހުގެ ހަމުން އެއްޗެހި ހެއްދެވުމާއި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު ދިގު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައް ވެސް ހިމެނެއެވެ.

ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް ކުރެހުންތެރިއަކީވެސް އޭނާއެވެ.

އޭނާގެ ޖަނާޒާ ވަނީ މިއަދު މެންދުރު ނަމާދަށް ފަހު ބާއްވާފައެވެ.