ކޮވިޑާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައި ހުންނަ މުއްދަތު މިމަހުގެ 22 ވާ ހޮނިހިރު ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައިވާ މުއްދަތު، މޭ މަހުގެ 22 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ކުރައްފައިފި ކަމަށެވެ.

މި މުއްދަތުގައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށާއި، ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކުރުމަށް ނޫން ގޮތަކަށް މުވައްޒަފުން އޮފީސްތަކަށް ނުނެރުމަށްވެސް ރައީސް އަންގަވާފައި ވާކަމަށް އެ އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، އޮފީސްތައް ބަންދު ކުރި މުއްދަތު އިތުރު ކުރީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމުގެ ބޭނުމުގައި ކަމުގައި ވާއިރު، ހުރިހާ ފަރާތްތަކަކުންވެސް އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލަނބާ ކޮވިޑް ފެތުރުން ހުއްޓުވޭނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރުމަށެވެ.

ރާއްޖޭގައި އިއްޔެވެސް ވަނީ 1572 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 1315 މީހުންނަނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. 242 މީހަކު އަތޮޅު ތެރެއިން ޕޮޒިޓިވް ވި އިރު ރިސޯޓްތަކުން 15 މީހަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ.