މުޅި އިންޑިއާގެ ކޮންމެ ހިސާބަކުންވެސް ފެންނަނީ މާޔޫސްކަމާ ހިތްދަތިކަމެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާއަށް މިއަދު ލިބުނު ކޮންމެ އެހީއެއްގެ އަގު އިންތިހާއަށް ބޮޑެވެ. ދުނިޔޭގެ އެކި ގައުމުތަކުން، އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، އިންޑިއާގެ ބައެއް ރައްޔިތުން ތިބީ، އަމިއްލަ ފުރާނަ ގުރުބާންކޮށްގެންވެސް ގައުމީ ހިދުމަތުގައި ދެމި ތިބުމަށް އަތުކުރި އޮޅާލައިގެންނެވެ.

މިކަން އެންމެ ހާމަކަން ބޮޑު ގޮތެއްގައި ސާބިތު ކޮށްދެމުން ދާ އެކަކީ، އުމުރުން 48 އަހަރުގެ މަންޒޫރު އަހުމަދެވެ. ނޭވާހިއްލުމުގެ ބަލި ތަހައްމަލު ކުރަމުން އަންނަ މަންޒޫރު، ނޭވާލަނީ އޮކްސިޖަން ގުޅައިގެންނެވެ. މިހާލުގައި އޭނާ ނާވާލާތާ މިހާރު 3 އަހަރު ދުވަސްވެއްޖެއެވެ.

މިއަދު އޭނާއަކީ، އެ އެއްޗެއްގެ އަގު ރަނަށް ވުރެ ބޮޑުވެފައިވާ އޮކްސިޖަން، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފޯރުކޮށްދިނުމަށް ޓްރަކެއް ދުއްވަމުން އަންނަ ނަމޫނާ ރައްޔިތެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަކީ، އޭނާ އަދާ ކުރަމުންދާ ވަޒީފާއަށް އޮތް ހުރަހެއް ކަމުގައި މަންޒޫރެއް ނުދެކެއެވެ. އޮކްސިޖަން ނުލިބުމުން ހަށިގަނޑަށް ކުރާ ބާރާ، އަޅާ ވޭން، އޭނާއަށް ރަނގަޅަށް އެނގޭތީއެވެ.

ނޭވާހިއްލާ ބަލީގެ ސަބަބުން އޮކްސިޖަންގެ އެހީގައި އުޅެންޖެހިފައިވާ މަންޒޫރު އަހުމަދު / ފޮޓޯ: ކަޝްމީރު އޮބްޒާވާ

"މީހެއްގެ ފުރާނަ ސަލާމަތް ކުރަން، ނޫނީ ހައްޓަށް ލުޔެއް ހޯދާދޭން، އެމީހަކަށް އޮކްސިޖަން ފޯރުކޮށްދެވެން އޮތް ހާ ދުވަހަކު، އަހަރެން އެކަން ކުރާނަން. އިންސާނިއްޔަތަށްޓަކާ. އެއީ އަހަރެންގެ ނަފުސަށްވެސް ލިބޭ ހަމަޖެހުމެއް. އަހަރެން މީ، ނޭވާހިއްލާ މީހެއް، ބަލި މީހަކަށް އޮކްސިޖަން ކިހާ މުހިންމު ވާނެ ކަން، އަހަރެންނަށް ރަނގަޅަށް އިހްސާސް ކުރެވޭ. މިއީ އަހަރެންގެ މީހުންނަށް އެހީވާން، އަހަރެންނަށް ކޮށްދެވެން އޮތް ކަމަކީ" މަންޒޫރު ބުންޏެވެ.

ހަފުތާގެ 7 ދުވަހު، ދުވާލުގެ 24 ގަޑިއިރަކީ، އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރުމުގެ މަސައްކަތުގައި މަންޒޫރު އުޅޭ ވަގުތެވެ. މަންޒޫރު ކުރާހާވެސް ކަމަކީ، ޕޭޝަންޓުންގެ ގޭގެއަށް އޮކްސިޖަން ސިލިންޑަރު ޑެލިވާ ކުރުން އެކަންޏެއް ނޫނެވެ. އޮކްސިޖަން ފެސިލިޓީތަކަށް ގޮސް، ސިލިންޑަރު ރީފިލް ކޮށްދިނުމަކީވެސް، އޭނާ މިއަދު ދެމުންދާ ހިދުމަތެކެވެ.

މަންޒޫރަކީ ކޮވިޑް-19 ޖެހިއްޖެ ނަމަ، ބަލީގެ ނުރައްކާ އެންމެ ބޮޑު ވާނެ ގިންތީގެ މީހެކެވެ. އޭނާގެ ފުއްޕާމެއަކީ މިހާރުވެސް ބަލިކަށި ގުނަވަނެކެވެ. މަންޒޫރުވެސް ކާންދީ، ބޯންދީ، ބަލަހައްޓަންޖެހޭ އާއިލާއެއް އޮތް އިރު، މިހާ އަވަހަށް ދިރިއުޅުން ހުއްޓާލާ، ދެއަތް އުރާލައިގެން ހުރެވިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.

އިންޑިއާގެ ހުރިހާ ހިސާބަކުން ހެން ފެންނަނީ އޮކްސިޖަން ނުލިބުމުގެ ހިތްދަތި ކަމާ މާޔޫސްކަން / ފޮޓޯ: ރޮއިޓާޒް

"މި ބަލިމަޑުކަމޭ ކިއާފަ، ގޭގައެއް ނީނދެވޭނެ. އަހަރެން މަސައްކަތް ކުރަނީ އާއިލާއެއް ބަލަހައްޓަން. އެމީހުން އަހަރެންނަށް ބަރޯސާވޭ. އަހަރެންގެ ބޭސްފަރުވާގެ ހަރަދުވެސް އެހާ ބޮޑު. މަހަކު، ގާތްގަނޑަކަށް 6-7 ހާސް ރުޕީޒް ހޭދަ ކުރަންޖެހޭ އެކަމަށް. އާއިލާގެ ހަރުދުތައްވެސް ހުންނާނެ. އެހެންވެ، ވަޒީފާއަށް ނިކުތުން ނޫން ގޮތެއް ނެތް. މީހުން އުއްމީދު ކަނޑާލާކަށް ބޭނުމެއް ނޫން. ކޮންމެ މީހަކުވެސް ވަރަށް ހިތްވަރު ކުރަން ވާނެ." މަންޒޫރު ބުންޏެވެ.

މަންޒޫރަކީ، ހިތްވަރާއި އަޒުމުގެ ލާމަސީލު މިސާލެއް ކަމާ މެދު ދެބަސްވާނެ މީހަކު ނެތެވެ. ކޮންމެ ހާލެއްގައިވެސް އަނެކާއަށް އެހީތެރިވުމުގައި މަންޒޫރު ދައްކަމުން އެދަނީ ދުޅަހެޔޮ، ހަށިހެޔޮ، ޖާނުން ވަރުގަދަ މީހުން ލަދުގަންނަން ޖެހޭ ފަދަ ނަމޫނާއެކެވެ. މަންޒޫރަކީ، އިންސާނިއްޔަތުކަން އަދިވެސް ކަފުން ނުވާ ކަމުގެ ރަމްޒެކެވެ.