އެމެރިކާގައި އޮޕަރޭޓް ކުރާ އެންމެ ވަރުގަދަ ހަކަތައިގެ ޕައިޕްލައިނަށް އަމާޒުކޮށްގެން ދިން ސައިބާ ހަމަލާއާ ގުޅިގެން، ކުއްލި ނުރައްކާ އިއުލާންކުރަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

ސައިބާ ހަމަލާ އަމާޒުވި ކޮލޯނިއަލް ޕައިޕްލައިނަކީ ދުވާލެއްގެ މައްޗަށް، 2.5 މިލިއަން ފީފާ އުފުލާ ޕައިލްޕްލައިނަކަށް ވާއިރު، އެމެރިކާގެ އީސްޓް ކޯސްޓް ސަރަހައްދަށް ބޭނުންވާ ޑީސަލް، ގެސޮލީން އަދި ޖެޓް ފިއުލްގެ 45 ޕަސެންޓް ދަތުރު ކުރަނީ މި ޕައިޕްލައިނުންކަން ފާހަގަ ކުރަން ޖެހެއެވެ.

ހުކުރު ދުވަހުގެ ހަމަލާއާ ގުޅިގެން ޕައިޕްލައިންގެ މަސައްކަތް މުޅިން ހުއްޓުމަކަށް އައި އިރު، ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ދަނީ ހިދުމަތް އިޔާދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކުއްލި ނުރައްކާ އިއުލާން ކުރުމުން، އެއްގަމު މަގުން ހަކަތަ އުފުލުމުގެ ފުރުސަތު ތަނަވަސްވެއެވެ.

ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި ތެލުގެ އަގުތައް 2-3 ޕަސެންޓަށް އުފުލުން އެކަށީގެންވެއެވެ. ނަމަވެސް، މިކަން ދިގުލާ ދާން ވެއްޖެނަމަ، ކުރާ އަސަރު ބޮޑު ވާނެ ކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ.

އެމެރިކާގެ ކޮލޯނިއަލް ޕައިޕްލައިންނަށް ޑާކްސައިޑްއިން ދިން އިންޒާރުގެ ނޯޓިސް / ފޮޓޯ: ބީބީސީ

ޑާކްސައިޑްގެ ނަމުގައި އޮންލައިން ޕްލެޓްފޯމްގައި ހަރަކާތްތެރިވާ ގޭންގަކުން ކޮލޯނިއަލް ޕައިޕްލައިނަށް ހަމަލާ ދީ، 100 ޖީބީގެ މައުލޫމާތާއި ތަފާސް ހިސާބުތައް "ހިސޯރު" ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ބައެއް ކޮމްޕިއުޓަރުތަކާ ސާވާތަކުގައި މައުލޫމާތުތައް ތަޅުލާފައި ވާއިރު، މާލީ ބަދަލު ނުދީފިނަމަ، އިންޓަނެޓަށް އެ މައުލޫމާތުތައް ލީކު ކުރާނެ ކަމަށްވެސް ޑާކްސައިޑުން ވަނީ އެމެރިކާއަށް އިންޒާރު ކޮށްފައެވެ.

މިކަމުގެ ސަބަބުން، އެމެރިކާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކުގައި، ގިނަ އަދަދެއްގެ ތެޔޮ "ތާށިވެފައި" ވާ ކަމަށް މައުލޫމާތު ލިބެއެވެ. އަންގާރަ ދުވަހުގެ ކުރިން މިކަމަށް ހައްލެއް ނު ހޯދިއްޖެނަމަ، މަސްރަހު ވަރަށް ގޯސްވާނެ ކަމަށް ހަބަރު ލިބެއެވެ.