ކޮވިޑް 19 އާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާދެމުން ގެންދާ ބަލިމީހުންނަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ނިންމައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ އާންމުންގެ ރައްކާތެރި ކަމަށާ، ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކަލަކަށްޓަކައި އަދި ބަލި ފެތުރެމުންދާ ނިސްބަތަށް ބަލައި މި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެޑްމިތް ކޮށްގެން ފަރުވާ ދޭ ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރެވޭނީ އެންމެ މީހަކަށް ކަމަށާއި އެ މީހަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާންޖެހޭނެ ކަމަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް 19 ގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔުމާއެކު، މިއަދުން ފެށިގެން، ހޮސްޕިޓަލަށް އެޑުމިޓް ކޮށްގެން ފަރުވާދޭ ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރުން ހުއްޓާލާފައިވާ ވާހަކަ ދަންނަވަމެވެ.
އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭއިން ވަނީ ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އާންމުންގެ އެއްބާރުލުން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ބަލިމީހުން ކައިރީ ތިބުމަށް ހޮސްޕިޓަލުން ފާސްދީފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ހޮސްޕިޓަލަށް ނުދިއުމަށްވެސް ވަނީ އެދިފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި ވެސް 1091 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދެއެވެ. އެގޮތުން މިވަގުތުވެސް ޖުމްލަ 30 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އޭގެތެރެއިން 5 ރަށެއްގައި ވަނީ ހަވީރު 4 އިން ފަތިހު 4 އަކަށް ކާފިއުވެސް ހިންގާފައެވެ.

ރާއްޖޭގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 09 އިން ފަތިހު 04 އަކަށް ކާފިއު ހިންގުމާ، ސިއްހީ ހިދުމަތް ހޯދުމަށާއި ޒަރޫރީ ބޭނުންތަކުގައި ފިޔަވާ އެހެން ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާ، ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ރާއްޖޭގައި މިހާރު ކޭސްތައް އިތުރުވަމުން އަންނީ އާ ވޭރިއަންޓްގެ ސަބަބުން ކަމަށް ޑޮކްތަރުން ވަނީ ބުނެފައެވެ.