އިނގިރޭސިވިލާތުގެ "ރެޑް-ލިސްްޓް"ގައި ދިވެހިރާއްޖެ ހިމަނައިފިއެވެ. މިކަން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ކަށަވަރު ކޮށްދީފައެވެ.

ފޮރިން އެފެއާޒް އިން ނެރެފައިވާ ބަޔާނެއްގައި ވަނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދާތީ، އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމުން "ރެޑް-ލިސްޓް" ގައި ހިމަނާ ގައުމުތަކުން އެގައުމަށް އެތެރެވުން މަނާކުރަމުންދާ ކަމަށެވެ. އަދި މި ލިސްޓުގައި މެއި 12، 2021 ވާ ބުދަ ދުވަހުގެ ފަތިހު 04 އިން ފެށިގެން ރާއްޖެ ހިމެނުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި އިތުރަށް ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނާއި، އިނގިރޭސިވިލާތުގެ ރަށްވެހިކަމުގެ ހައްގު ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން އިނގިރޭސިވިލާތަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެ އައިސްފައި ވާނަމަ ނުވަތަ ރާއްޖޭގައި ޓްރާންސިޓް ކޮށްފައި ވާނަމަ، އިނގިރޭސިވިލާތައް އެތެރެވުން މަނާވާނެ ކަމަށެވެ. އަދި އެ ގައުމަށް އެތެރެވުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކުން ވެސް އެގައުމުގެ ސަރުކާރުން ކަނޑައަޅާ ހާއްސަ މަރުކަޒެއްގައި 10 ދުވަހުގެ ކަރަންޓީނެއް ވާން ޖެހޭނެ ކަމަށާ، ކަރަންޓީނުގެ 2 ވަނަ ދުވަހާ 8 ވަނަ ދުވަހު ކޯވިޑް ޓެސްޓް ހަދަންޖެހޭނެ ކަމަށް ވެސް އެ ގައުމުން ވަނީ އަންގާފައެވެ.

ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ 24 ގަޑިއުރުތެރޭގައި ވެސް 766 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ކޭސްތައް އިތުރުވުމާ ގުޅިގެން ރާއްޖޭގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 09 އިން ފަތިހު 04 އަކަށް ކާފިއު ހިންގުމާ، ސިއްހީ ހިދުމަތް ހޯދުމަށާއި ޒަރޫރީ ބޭނުންތަކުގައި ފިޔަވާ އެހެން ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާ، ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭގޮތަށްވެސް ވަނީ ބަދަލުގެނެސްފައެވެ.