މާދަމާ އިން ފެށިގެން ސިނޯފާމް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުން ސިނޯފާމްގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖަހާދިނުމަށް ހަމަޖެހިފައިވަނީ ތިން ސެންޓަރަކުން ކަމަށެވެ. އެއީ ނެޝަނަލް އާޓް ގެލެރީ އާއި ވިލިމާލެ ޔޫތު ސެންޓަރު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.

އެ ތިން ތަނުން ވެސް ވެކްސިން ޖަހާދިނުން ހަމަޖެހިފައިވަނީ ރޭގަނޑު 09:00 އިން 11:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 4 ވަނަ ދުވަހަު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހައިދިނުން ހުއްޓާލާފައި ވަނީ މި ވަގުތު ވެކްސިން ލިބުމުގެ ދަތިތަކެއް ހުރުމުންނެވެ.

އެ ގޮތުން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލި އިރު މާލޭގައި ސިނޯފާމް ވެކްސިން އަދި ފައިޒާ ވެކްސިން ދަނީ ޖަހައިދެމުންނެވެ. ނަމަވެސް ސިނޯފާމަ ވެކްސިންގެ ބާކީ ހުރި ޑޯޒްގެ އަދަދު އޭރު ހުރީ 22،000 ގައެވެ.

ރާއްޖެއިން މިހާތަނަށް 300،189 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި 123،581 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.