މުޅި ދުނިޔެ އެއް ވިގުއާއަކުން ގުޅާލަދިން އެ ޕްލެޓްފޯމް ކަމަށް ވާ، ޓްވިޓާއަށް ދޫކުރާ ރިޕްލައިތަކަކީ ގެއްލުންދެނިވި ނުވަތަ ފުރައްސާރަ ކުރަނިވި ރިޕްލައިތަކެއް ކަމުގައި ވަނީ ނަމަ، އެ ފަދަ ޓްވީޓްތައް މުރާޖާކޮށް، އިސްލާހް ކުރުމަށް ޓްވިޓާއިން ބާރު އަޅަމުން ދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހުތުރު ބަސްމަގު ބޭނުން ކޮށް ފުރައްސާރަ ކުރުމުގެ ސަގާފަތެއް އަށަގެންފައިވާ ޓްވިޓާ ޕްލެޓްފޯމުން ވަނީ، މިދިޔަ އަހަރުގެ ތެރޭގައި މި ފީޗާ ޓެސްޓު ކޮށްފައެވެ. މި ޓެސްޓުގެ ނަތީޖާއަށް ބަލާއިރު، ގެއްލުންދެނިވި ނުވަތަ ފުރައްސާރަ ކުރަނިވި ރިޕްލައިތައް މުރާޖާކޮށް، އިސްލާހް ކުރުމަށް ޓްވިޓާއިން ބާރު އެޅުމުގެ ސަބަބުން، އެފަދަ ރިޕްލައިތަކުގެ އަދަދު މަދު ކުރެވުނު ކަމަށެވެ.

34 ޕަސެންޓް މީހުން ފުރަތަމަ ލިޔުނު ރިޕްލައި މުރާޖާ ކުރި ކަމަށާ، ފުރައްސާރަ ކުރަނިވި ރިޕްލައިތައް 11 ޕަސެންޓަށް ދަށްވި ކަމަށްވެސް ޓްވިޓާއިން އާންމުކުރި ބްލޮގް ޕޯސްޓެއްގައި ފާހަގަ ކޮށްފައިވެއެވެ.

ޓްވިޓާ ކުންފުނިން ބުނީ، މިވަގުތު މި ފީޗާ ދޫކުރާނީ، އެޕަލް އަދި އެންޑްރޮއިޓް އޮޕަރޭޓިންގް ސިސްޓަމްތަކުގައި، އިނގިރޭސި ބަހުން ބޭނުން ކުރާ ޓްވީޓާ އެކައުންޓްތަކަށް ކަމަށެވެ.

ޓްވިޓާއިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހާ ޖޫން މަހާ ދެމެދު، 1.9 މިލިއަން އެކައުންޓަކުން ދޫކޮށްލި ގެއްލުން ދެނިވި ޓްވީޓްތަކެއް ވަނީ ނަގާފައެވެ. އަދި ޓްވިޓާގެ ގަވައިދުތަކާ ހިލާފު ވެގެން 925700 އެކައުންޓެއް، މި މުއްދަތުގައި ސަސްޕެންޑް ކުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ.