ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ވިލާތުގެ ބައެއް ގައުމުތަކާ އެމެރިކާއިން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ހިސާބަކަށް ދޫދޭން ފެށުމާއެކު، ތެލަށް އޮތް ޑިމާންޑް އުފުލި، ބައިނަލްއަގުވާމީ ބާޒާރުގައި، ތެލުގެ އަގުތައް އުފުލިއްޖެއެވެ.

ބުދަ ދުވަހަކީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް، ވިދިވިދިގެން އުފުލުނު، 3 ވަނަ ދުވަހެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލުނު ގޮތަށް ބަލާއިރު، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއަކުން 91 ސެންޓް ނުވަތަ 1.3 ޕަސެންޓް އުފުލި، ފީފާއެއްގެ އަގު ވަނީ 69.79 ޑޮލަރަށް އަރާފައެވެ.

އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) އިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއަކުން 82 ސެންޓް ނުވަތަ 1.3 ޕަސެންޓް އުފުލި، ފީފާއެއްގެ އަގު ވަނީ 66.51 ޑޮލަރަށް އަރާފައެވެ.

މި ދެކުންފުންޏަށް ލިބިފައިވާ ކޮންޓްރެކްޓްތަކުގެ އަގުތައްވެސް އުފުލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ފާއިތުވީ 2 މަސްދުވަހުގެ ތެރޭގައި ނުއުފުލޭހާ މައްޗަށް، ތެލުގެ އަގުތައް އުފުލުމުގެ ފަހަތުގައި، އެމެރިކާއާއި ވިލާތުގައި ވެކްސިން ކެމްޕޭން ހިނގުން، ސަބަބެއް ކަމުގައި ހިމެނެއެވެ.

ކަން މިހެން އޮތް ނަމަވެސް، ދުނިޔޭގެ ނިސްބަތުން، ތެލަށް އެންމެ ބޮޑު ޑިމާންޑެއް، ތިންވަނައަށް އޮންނަ ގައުމު ކަމަށްވާ އިންޑިއާއިން، ކޮވިޑް-19ގެ ތޫފަނަކާ ހަނގުރާމަ ކުރަމުން ދާއިރު، އެ ގައުމުން ތެލަށް ކުރާ ޑިމާންޑް ވަނީ ދަށްވެފައެވެ.