އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ، ލަކީ އަލީ މަރުވި ކަމަށް ބުނެ، މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި އަންގާރަ ދުވަހުގެ ރެއިން ފަށައިގެން ދައުރު ކުރަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް، އޭނާގެ އެކުވެރިޔާ އަދި ބަތޮލާ ނަފީސާ އަލީ ބުނެފިއެވެ.

އިންޑިއާގެ ދުވަހު ނޫހަކާ ވާހަކަދައްކަމުން ނަފީސާ އަލީ ބުނީ، އިއްޔެވެސް އޭނާ ލަކީ އަލީއާ ދެތިން ފަހަރު ވާހަކަ ދެއްކި ކަމަށާ، ލަކީ އަލީގެ ހާލު ރަނގަޅު ކަމަށެވެ. ލަކީ އަލީއަށް ކޮވިޑް ޖެހިފައި ނުވާ ކަމަށާ، އޭނާގެ ހަށިގަނޑުގައި ކޮވިޑްގެ އެންޓިބޮޑީޒް އެބަހުރި ކަމަށްވެސް ނަފީސާ އަލީ ވަނީ ބުނެފައެވެ.

ނަފީސާ އަލީ ބުނީ، ލަކީ އަލީ އަވަދި ނެތި އުޅެނީ އޭނާގެ މިއުޒިކީ މަސައްކަތުގައި ކަމަށާ، މިހާރުވެސް ވާޗުއަލް ކޮންސެޓެއްގެ ކަންކަން ރާވަމުން އަންނަ ކަމަށެވެ. ލަކީ އަލީ މިވަގުތު ހުރީ ބެންގަލޫރުގައި، އޭނާގެ އާއިލާއާއެކުގައި ކަމަށާ، ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް، އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުގައި ނަފީސާ ވަނީ ބުނެފައެވެ.

އަދުގެ މިއުޒިކީ ޕްލެޓްފޯމްތަކުން ލަކީ އަލީގެ އާ މަސައްކަތެއް ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ވީ ނަމަވެސް، ދޭތެރެ ދޭތެރެއިން އޭނާގެ މިއުޒިކް ވީޑިއޯތައް ވައިގައި ހިފައެވެ. ލަކީ އަލީ އަކީ، "އަބަދަށްފެނި" ލަވަތަކެއް، އިންޑިއާގެ މިއުޒިކީ ފަޒާއަށް ދޫކޮށްފައިވާ ލަވަކިއުންތެރިއަކަށް ވާއިރު، އޭނާގެ "އޯ ސަނަމް" ފަދަ ލަވަތަކަކީ، ދިވެހިންގެ މެދުގައިވެސް މަގުބޫލު ލަވަތަކެކެވެ.