ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ކުޑަކުދިންގެ ހިޔާގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 10:04 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ވިލިމާލެ ފަޔާ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމަށް ހަރަކާތްތެރި ވެފައެވެ. އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 10:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީޢެފުން ބުނެއެވެ. ނަމަވެސް އެ އިމާރާތުގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށް އެ ފަރާތުން ބުނެއެވެ.

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައި ވަނިކޮށް / ފޮޓޯ: އެމްއެންޑީއެފް

އެގޮތުން އެ ހިޔާގައި ތިބޭ ކުދިންގެ އައްނައުނު ބަހައްޓާ އަލަމާރިއާއި ކަބަޑުތައް ވަނީ މަނީ މުޅިންހެން އަނދާ އަޅިއަށް ވެފައެވެ. ހަމައެއާއެކު އެތަނުގައި ހުރި ބައެއް އެނދުތަކާއި ހިފާ ގެންގުޅޭ ސާމާނުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި އަލިފާނުހާދިސާ ދިމާވާން މެދުވެރިވީ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. ވިލިމާލެ ކުޑަކުދހިންގެ ހިޔާއަކީ އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން ބައި ތިއްބާ ތަނެކެވެ. އެ ހިޔާގައި އެންމެ ފަހުން ވެސް 29 ކުއްޖަކު ތިބޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ގެންދަނީ މި ހާދިސާ އިތުރަށް ބަލައި ތަހުގީގު ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.