ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށުނު ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރިޕޯޓް ކުރި ކޭހުގެ އަދަދަށް ވުރެ، މިދިޔަ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރި ކޭހުގެ އަދަދު އިތުރު ވެފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ހުސްވި ހަފުތާގައި ރިޕޯޓް ކުރި ކޭސްތަކުގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައި ހިއްސާކޮށްފައި ވަނީ އިންޑިއާ އަދި ބްރެޒީލުން ކަމަށެވެ. އަދި މި 2 ގައުމު ނޫނަސް، ނާޒުކު ފައްތަރުގައި އޮތް ގައުމުތަކެއް ވާ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ އިންޑިއާއަށް މިވަގުތު އެންމެ ބޭނުން ޖެހިފައިވާ ސިއްހީ އާލާތްތަކާ ވަސީލަތްތައް އެ ގައުމަށް ފޯރުކޮށްދިނުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއިން މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި ހޮސްޕިޓަލުން ޖާގަ ނުލިބި، ގޭގައި އަމިއްލައަށް ފަރުވާ ކުރަން ޖެހޭ މީހުންނަށް ބޭނުންވާ މައުލޫމާތުވެސް ފޯރުކޮށްދެމުން ދާ ކަމަށް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯ ފައުންޑޭޝަނުން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި އޮކްސިޖަންއާ، އޮކްސިޖަންއާ ގުޅިފައިވާ ސަޕްލައިއަށް އޮތް ޑިމާންޑަށް ކޭޓާ ކުރުމަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ފާއިތުވީ 7 ދުވަހަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 5684907 ކޮވިޑް ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މީގެ ތެރެއިން 2649808 ކޭހަކީ އިންޑިއާއިން ރިޕޯޓް ކުރި ކޭހެވެ. އޭގެ ކުރީ ހަފުތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 5786036 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.