ރާއްޖޭގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް މައްޗަށް ދިއުމާ ގުޅިގެން އެޗްޕީއޭގެ އޮފިޝަލުން ބިރުވެރި އިންޒާރެއް ދީފިއެވެ.

ރޭ ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ރޭޑިއޮލޮޖިސްޓް ޑރ. ފާތުމަތު މުފްލިހާ ވިދާޅުވީ، މިވަގުތު ކޮވިޑް ބަލީގައި ޕޮޒިޓިވްވާ މީހުން ގިނަ ވަމުން އަންނަ ކަމަށާއި އަދި ބަލީގައި ހާލު ދެރަވާ މީހުން ވެސް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިވަގުތު ހާލަތު ގޯހުން ގޯހަށް ދާ ކަމަށާއި އަދި ގިނައިން މީހުން ޕޮޒިޓިވް ވަމުން އައުމަކީ ނުރައްކަލުގެ ރަނގަބީލު ދެމުންދާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން ބަލި ޖެހޭ މީހުންގެ ނިސްބަތުން މަރުވާ މީހުންވެސް އިތުރުވެގެން ދާނަމަ އެއީ "ރެޑް އެލާޓް" އަށް ރާއްޖެ ދާނެ ހިސާބެއް ކަމަށް ވެސް މުފްލިހާ ފާހަގަ ކުރެއްވިއެވެ.

ކޭސްތައް އިތުރުވަމުން ދިއުމަކީ ރާއްޖޭގައި ވެސް އާ ވޭރިއަންޓެއް އުފެދުމަކީ ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބައެއް ވޭރިއަންޓް ތަކަކީ ޕީސީއާރަށް ވެސް ނުދައްކާ ވޭރިއަންޓް ކަމަށް މުފްލިހާ ވިދާޅުވިއެވެ. އެހެންކަމުން ބަލި ދައްކަނީ ގިނަ ފަހަރު ބަލި މީހާއަށް ބޮޑުވަރު ވުމުން ކަމަށާއި ޑަބަލް ވޭރިއަންޓްގެ ހާލަތުގައި ފުރަތަމަ ވެސް ފެންނަނީ ފުއްޕާމެއަށް ނިއުމޯނިއާ ޖެހޭ ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ބަލިމީހަކު ގެންދަނީ / ފޮޓޯ: އެޗްއީއޯސީ

މިހާރު ފެންނަމުންދާ ކޭސަތަކުގެ ކޮންޓެކްޓުން ވެސް ވަރަށް ގިނަކަން ފާހަގަ ކުރައްވަމުން މުފްލިހާ ވިދާޅުވީ މި ދަނޑިވަޅުގައި މަގުމަތީގައި ނުވަތަ ބޭރުގައި އުޅޭ އިރު ރަނގަޅަށް މާސްކް އެޅުމަށް ސަމާލުކަން ދިނުމަށާއި އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށެވެ. ހަމައެއާއެކު ގިނަގިނައިން އަތް ދޮވުމާއި ގައިދުރުކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުމަކީ މިވަގުތު ވެސް ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި މުހިއްމު ކަންކަން ކަމުގައި މުފްލިހާ ވިދާޅުވިއެވެ.

ކޮވިޑް ބަލީގައި ފަރުވާ ދޭން ޖެހޭ މީހުން ވޭތުވެ ދިޔަ ތިން ހަފްތާގެ ތެރޭ ތިން ގުނަ މަތިވެގެން ގޮސްފައިވާ ކަމަށާއި އަދި ބަލި މީހުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން މަދުވެ އެކަމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް މުފްލިހާ ވިދާޅުވިއެވެ. މިވަގުތު އަވައްޓެރި އިންޑިއާ އޮތް ހާލަތު ހާމަ ކުރައްވަމުން މުފްލިހާ ވިދާޅުވީ، އެ ހާލަަތަށް ރާއްޖެ ދާން އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށެވެ.

މިވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވެސް 160 އާ ގާތްކުރާ އަދަދާ މީހުން އެޑްމިޓް ކުރެވިފައިވާ ކަމަށާއި އަދި ދަރުމަވަންތަ ހޮސްޕޮޓަލުގެ ވެސް 50 ޕަސެންޓް އެނދުގައި މީހުން ވަނީ އެޑްމިޓް ކުރެވިފައި ކަމަށް މުފްލިހާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދަޅުވީ، އެންދުމަތިވާ ފަރާތްތައް އިތުރުވަމުން އަންނަ އިރު އޮކްސިޖަން ބޭނުންވާ ފަރާތްތައް ވެސް މިވަގުތު އަންނަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން މިހާލަތުން އެނގިގެން ދަނީ ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދާކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ބަލިމީހަކު ގެންދަނީ / ފޮޓޯ: އެޗްއީއޯސީ

އިއްޔެ ވެސް ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 585 އަށް އަރާފައެވެ. ވޭތުވެ ދިޔަ ދެ ދުވަހުވެސް ކޭސްތައް 500 އިން މަތިން ރިޕޯޓުކުރުމާއެކު އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާަފއެވެ. އެ ގޮތުން ހުރިހާ ސްކޫލްތަކެއް ބަންދުކޮށް ސަރުކާރު އޮފީސްތަަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖއްސާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ރޭގަނޑު 12:00 އިން ފަތުހު 4:00 އަށް ވަނީ ހަމަޖައްސާފައެވެ.

ދެ ޑޯޒް ވެކްސިން ޖަހައިގެން ދަތުރު ކުރެވޭ ގޮތަށް ދާދިފަހުން ދީފައިވާ ލުއިތައް ވަނީ މެދުކަނޑާލަފާއެވެ. އަދި ފާކްތަކާއި މައިޒާނތަަކަށް މީހުްނ ދިއުން ހުއްތާލުމަށާއި ކުޅިވަރުތައް ވެސް ކުޅުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ހުރިހާ މިސްކިތެއްގައި ވެސް ނަމާދު ކުރާއިރު ގައިދުރުކަން ދެމެހެއްޓުމަށައި މިސްކިތަށް ދާއިރު މާސްކް އެޅުމަށާއި އަމިއްލަ މުސައްލަ ގެންދިއުމަށް ވެސް ވަނީ އަންގާފައެވެ. މި ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.