ކޮވިޑް ފެތުރޭލެއް ބާރުކަމުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމާމެދު މަޝްވަރާތައް ފަށައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކް ޕާރސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން ދާތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަޝްވަރާތަށް ކުރިޔަށް ދާ ކަމަށާއި ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ އެޅުމަށް މަޝްވަރާ ކުރާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ކާފިއު ހިންގުމާ، ސަރުކާރުގެ އޮފީސްތައް ބަންދުކުރުން ހިމެނެއެވެ.

އަދި ކާފިއު ހިންގާނެ ގަޑިތަކާ ބެހޭގޮތުން ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން ކުރިންވެސް ކާފިއު ހިންގި ގަޑިތަކާ ބެހޭގޮތުން އެ މަޝްވަރާތަކުގައި ވާހަކަ ދައްކާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮވިޑް ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައި ވާއިރު މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕްރެޑް އޮންނަތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސް ވެފައެވެ.

ފާއިތުވެދިޔަ ހަފްތާ ތެރޭގައި ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެގޮތުން އިއްޔެ މާލެއިން އެކަނި 276 މީހުންނާއެކު ޖުމުލަ ރާއްޖެއިން 508 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. އިއްޔެގެ ޕޮޒިޓިވް ކޭސްތަކާއެކު އެކްޓިވް ކޭސްގެ އަދަދު ވަނީ 5،594 އަކަށް އަރާފައެވެ.