ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރަމަޟާން މަހަށް ހާއްސަ ވެގެންވާ ގިޔާމުއްލައިލް ނުވަތަ ދަމުނަމާދު އަދި ތަރާވީހް ނަމާދު ކުރުކޮށް، އެއްކޮށް ކުރަން ސައުދީ އަރަބިއްޔާގައި ފަށައިފިއެވެ.

ތަރާވީހް ނަމާދާއި ދަމު ނަމާދު ކުރުކޮށް، އެއްކޮށް ކުރަނީ އިޝާ ނަމާދަށް ފަހުގައި ކަމަށާ، ސައުދީ އަރަބިއްޔާގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ރޯދަ މަހުގެ ފަހު 10 އެއްގައި މިކަން ކުރިއަށް ދާނީ މިހެން ކަމަށް ހަބަރު ލިބެއެވެ.

މި އުސޫލުން މިސްކިތްތަކުގައި ރޭ އަޅުކަން ކުރިއަށް ގެންދިއުމުގެ ކަންކަން ހަމަޖައްސާފައި ވަނީ ސައުދީގެ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ކޯލް އެންޑް ގައިޑަންސް، ޝައިހް ޢަބްދުލްލަޠީފް އަލް-ޝައިހު އާންމު ކުރެއްވި ސާކިއުލާއަކާ ގުޅިގެންނެވެ.

މި ސާކިއުލާގައި ވަޒީރު ވިދާޅުވެފައި ވަނީ، މިފަދަ ނިންމުމެއް ނިންމާފައި ވަނީ، ސިއްހަތާ ބެހޭ ވަޒީރުގެ ޓެލެގްރާމަކާ ގުޅިގެން ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ، ކޮވިޑުން ދިފާއުވުމާ، ރައްކާތެރިވާނެ ގޮތްތައް ބެލުމަށް ހާއްސަ ކޮށްފައިވާ ކޮމިޓީގެ ލަފަޔާއެކުގައި ކަމަށެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، އިޝާ ނަމާ ވިދިގެން ފަހު 10ގެ ހާއްސަ ރޭ އަޅުކަން ކުރިއަށްދާއިރު، 30 މިނިޓަށްވުރެ އިތުރު ނުވާނެ ފަދަ އުސޫލަކުން އަޅުކަން ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައެވެ.

މާތްވެގެންވާ 2 މިސްކިތުގެ ބެލެހެއްޓުންތެރިޔާ އަދި ސައުދީގެ ސަލްމާން ރަސްގެފާނުވެސް ވަނީ މަސްޖިދު އަލް-ޙަރަމް އަދި މަސްޖިދު އަލް-ނަބަވީގައި ކުރާ ތަރާވީހް ނަމާދު ކުރުކުރުމަށް އަމުރު ކުރައްވާފައެވެ.

ސައުދީ އަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް، ހަރުކަށި އަދި ކާމިޔާބު ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން އަންނަ ގައުމެކެވެ.