ބާރުލީ ނުވަތަ ހިމަގޮދަނަކީ، ގޮދަނުގެ ބާވަތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ބާވަތެކެވެ. މިއީ އަރަބި ޝުބުހް ޖަޒީރާގައި އާންމުކޮށް ބޭނުން ކުރާ ގޮދަނެކެވެ. ރަސޫލު ކަމާ ނަބީކަން ޚަތިމް ކުރެއްވި މުޙައްމަދު صلى الله عليه وسلم ގެ ހަޔާތްޕުޅުގައިވެސް މެއެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ބަސްފުޅަކަށް ރިއާޔަތް ކޮށް، ކިތާބުލް އަޠުޢިމަތީއާ ހަވާލާދީ ޤާލަރަސޫލުﷲގައިވާ ބަސްފުޅެއްގެ މާނާގައިއެވެ.

މުޙައްމަދު ރަސޫލުﷲ صلى الله عليه وسلم ގެ އަނބިކަނބަލުން، މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީނަ ސިއްތުނާ ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާގެ އާއިލީ ބޭކަނބަލަކު އަވަހާރަވެގެން އެތަނަށް އަންހެންވެރިން ހާޒިރުވިއެވެ. ދެން ޖަނާޒާގެ ކަންތައް ނިމި މީސްތަކުން ގޮސް ހަމައެކަނި އާއިލާގެ ބޭކަނބަލުންނާއި ހާއްސަ ގާތް އެކުވެރިންނަށް ވުމުން އެކަމަނާގެ އަމުރުފުޅަށް ބޮޑު ގުޅިއެއްގައި ބާރުލީ ކެއްކުނެވެ. ދެން ރޮށްޓާއި ތަރުތާރީއާއި ބަކަރިމަސް އަޅައިގެން ސުރުވާއެއް ތައްޔާރު ކުރެވުނެވެ. އެއަށްފަހު ސުރުވާގެ ތެރެއަށް ބާރުލީ އޮއްސާލެވުނެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. އެންމެހައި ބޭކަނބަލުންވެސް މިބާރުލީ ސުރުވާ ހިއްޕަވާށެވެ. މިހެނީ رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ. ބާރުލީއިން ބަލިމީހާގެ ސިކުނޑިއަށް އަރާމު ގެނެސްދެއެވެ. އަދި ބައެއް ހިތާމަތައް ދުރުކޮށްލަ ދެއެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި، ބާރުލީއަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ރޯދަ ވެރިޔާ ނުކައި ނުބޮއި ހުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވެރިވެފައިވާ ހާލަތަށް ލުއިކަން ގެނެސްދެއެވެ.

ބާރުލީ ދަނޑެއްގައި ބަޔަކު މަސައްކަތް ކުރަނީ / ފައިލް ފޮޓޯ: އޯލްޓަނޭޓިވް ރޫޓްސް ފާމް

ބާރުލީގައި އެކުލެވޭ މާއްދާތަކުގެ ތެރޭގައި ހަކަތަ، ކާބޯހައިޑްރޭޓް، ޕްރޮޓީން، ފައިބަރު، ފޯލިކް އެސިޑް، ވިޓަމިން ކޭ، ޕޮޓޭސިއަމް ކެލްސިއަމް، ދަގަނޑު އަދި ޒިންކާ، މިނޫންވެސް މުހިންމު މާއްދާތައް ހިމެނެއެވެ.

ބާރުލީގެ ފައިދާ

ހަކުރު ކޮންޓްރޯލްކޮށްދިނުން: ބާރުލީ އަކީ ހަކުރު ބަލި ހުންނަ މީހުންނަށް ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. ސަބަބަކީ، ބާރުލީގައި ފައިބަރު ގިނައިން ހުރުމެވެ. ބާރުލީގައި މުހިއްމު ވިޓަމިންތަކާއި، މައުދަންތައް ހުރެއެވެ. "ބީޓާ ގުލޫކަން" ކިޔާ ފެނަށްގިރޭ ފައިބަރުގެ ވައްތަރެއް ހުރެއެވެ. މިއީ ގުލްކޯޒު (ހަކުރު) ހަށިގަނޑަށް ނެގުން މަދުކޮށްދޭ މާއްދާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ބާރުލީ ބޭނުންކުރުމަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

ހަކުރު ބަލި ޖެހިފައި ވޭތޯ ގަވައިދުން ޓެސްޓު ކުރުން މުހިންމު / ފޮޓޯ: ނިއުސް18

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން: ބާރުލީގައި ފައިޓޯނިއުޓްރިއެންޓެއް ކަމަށްވާ، "ޕްލާންޓް ލިގްނަން" ހުރެއެވެ. އިންސާނުންގެ ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިޔާތަކުގެ އެހީތެރިގައި ބާރުލީގައި ހުންނަ ޕްލާންޓް ލިގްނަން ތައް "މެމާލިއަން ލިގްނަން" އަށް ބަދަލުކޮށްލައެވެ. މިގޮތުން އުފެދޭ ލިގްނަންގެ އެއްވައްތަރަކީ "އެންޓީރޯ ލެކްޓޯން" އެވެ. މިއީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ބާރުލީ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ ކަމެކެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން: އިންސާނުންގެ ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިޔާތަކުގެ އެހީތެރިގައި ބާރުލީގައި ހުންނަ ޕްލާންޓް ލިގްނަން ތައް "މެމާލިއަން ލިގްނަން" އަށް ބަދަލުކޮށްލައެވެ. މިގޮތުން އުފެދޭ ލިގްނަންގެ އެއްވައްތަރަކީ "އެންޓީރޯ ލެކްޓޯން" އެވެ. އަނެއް ވައްތަރަކީ "އެންޓީރޯޑިއޯލް" މިއީ ތަފާތު ވައްތަރުގެ ތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެގޮތުން ބާރުލީ ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ބާރުލީގައި ފައިބަރު ގިނައިން ހުރުމަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބާރުލީ މަޝްރޫމް ސޫޕް / ފައިލް ފޮޓޯ: ކޮނަސާރަސްވެޖް

މަޝްރޫމް ބާރުލީ ސޫޕް

ބޭނުންވާނެ ތަކެތި

  • ¼ ޖޯޑު ޒައިތޫނި ތެޔޮ
  • 1 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފަ)
  • ¾ ޖޯޑު ކެރެޓް (ކުދި ކިއުބަށް ކޮށާފަ)
  • ½ ޖޯޑު ސެލަރީ (ކުދޮކޮށް ކޮށާފަ)
  • 1 ސައިސަމުސާ ލޮނުމެދު (ޗިސްކޮށްފަ)
  • 1 ޕައުންޑް މަޝްރޫމް (ފޮތިކޮށް ކޮށާފަ)
  • 6 ޖޯޑު ކުކުޅު ސުރުވާ
  • ¾ ޖޯޑު ބާރުލީ
  • ލޮނު އަދި އަސޭ މިރުސް (ރަހަ ލާ ވަރަށް)

ތައްޔާރުކުރާނެ ގޮތް

  • ސޫޕު ކައްކާ ފަދަ ބޮޑު ތެއްޔެއްގައި ތެޔޮފޮދު ހޫނު ކޮށްލާ
  • ފިޔާ، ކެރަޓް، ސެލަރީ އަދި ލޮނުމެދު އެޅުމަށްފަހު، މަޑުވަންދެން މީރުކޮށްލާ (ފިޔާތައް ދެފުށް ފެންނަ ވަރު ވަންދެން)
  • މަޝްރޫމުކޮޅު އެއްކޮލުމަށްފަހު އިރުކޮޅަކު ކައްކާލާ
  • ކުކުޅު ސުރުވާ އަދި ބާރުލީ އެއްކޮށްލާ
  • ބޮކި ޖަހާ ވަރަށް ކައްކާލުމަށްފަހު ގިނި މަޑުކޮށްލާ
  • ސޫޕް ތެލީގައި މަތި ޖެހުމަށްފަހު ބާރިލީ ކޮޅު މަޑުވަންދެން ކައްކާލާ (ގާތްގަނޑަކަށް 50 މިނެޓް)
  • ތައްޓަށް އަޅާ، ކާންވުމުން ލޮނާއި އަސޭމިރުސް އެއްކޮށްލާ

ހިމަ ގޮދަން ނުވަތަ ބާރުލީ ބޭނުން ކުރާ ތަފާތު އެކި ގޮތްތައް ހުރެއެވެ. އާންމުގޮތެއްގައި ޕާން އަދި ފާރޮށި ފަދަ ތަކެތި ތައްޔާރު ކުރުމަށް ހިމަގޮދަނުގެ ފުށްވެސް ބޭނުން ކުރެއެވެ. މީގެ އިތުރުން، ތަފާތު ބާވަތްތަކުގެ ފިނި ބުއިންތަކުގައިވެސް ބާރުލީ ބޭނުން ކޮށްފައި ހުރެއެވެ.