މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ފ. ފީއަލީގައި އަރުދަފުސް ރޯގާ އުޅޭތާ ހަފްތާއެއް ވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

ފީއަލީ މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށު ފުލޫ ކްލިނިކަށް ދެއްކި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭ ގޮތުން 'ދަ ޕްރެސް' އާއި ވާހަކަ ދައްކަވަމުން ފީއަލީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓަރު ހެލްތް ސާވިސަސް އިބްރާހިމް ނަސީމް ވިދާޅުވީ، ކޮވިޑް ޓެސްޓް ހަދާފައިވަނީ ރަށުގައި ކޮންމެވެސް ވަރަކަށް ރޯގާ އާއި ހުން އުޅުމާއި، ޑޮކްޓަރަށް ދައްކަން އަންނަ ބައެއް ފަރާތްތަކުން ޓެސްޓް ކުރުމަށް އެދުމުން ދިޔުމުން ކަމަށެވެ. އަދި ނަގާފައިވަނީ 12 ސާމްޕަލް ކަމަށާއި އެ 12 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 4 ސާމްޕަލް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ރަށުތެރެއިންވެސް ކޮންމެވެސް ވަރަކަށް ރޯގާގެ ދުވަސްވަރެއް. އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މިދިޔަ ހަފްތާއަކީ އަރިދަފުސް ރޯގާ ހުމުގެ ކަންކަމުގައި ޑޮކްޓަރަށްދައްކަން އައި ދުވަސްވަރެއް.
އިބްރާހިމް ނަސީމް، ފީއަލް ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓޭޓަރު ހެލްތް ސާވިސަސް

އިތުރަށް މައުލޫމާތު ދެއްވަމުން ނަސީމް ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ އިންޑިއާއިން ޑޮކްޓަަރަށް ދެއްކުމަށްފަހު ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮސިޓިވްވި އާއިލާއަށް ކާތަކެތި ފޯރުކޮށްދެމުންދިޔަ މީހެއްކަމަށެވެ. ނަމަވެސް މި ޕޮޒިޓިވް ކޭސްއަކީ ސީދާ ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވް ވި އާއިލާއާއި ގުޅުންހުރި ކޭސްއެއް ކަމަށް ބުނަން ނޭނގޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަނެއް 3 ޕޮޒިޓިވް ކޭހަކީ އެ އާއިލާއާއި ގުޅުމެއް ނެތް 3 ކޭސް ކަމަށްވެސް ނަސީމް ބުނެފައިވެއެވެ.

އިންޑިއާއިން ޑޮކްޓަރަށް ދެއްކުމަށްފަހު އައި އާއިލާ ހޯމް ކަރަންޓީނު ނިންމާ ނެގި ސާމްޕަލް ޕޮސިޓިވްވެ އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ޓެސްޓް ކުރި އެކަކުވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ފީއަލިން މިހާތަނަށް ޖުމުލަ 13 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ މަހެއް ކުރިން ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކާއި އިންޑިއާއިން އައި އާއިލާއިން 08 މީހުންނާއި އިއްޔެ ޕޮޒިޓިވްވި 4 މީހުންނެވެ. އަދި 5 ގެ ވެސް ވަނީ ކަރަންޓީނުކޮށްފައެވެ.

ނަސީމް އިތުރަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ރޭގައި ޕޮސިޓިވް ކޭސް ފެނުމާއި ގުޅިގެން ވަގުތުން ރަށުން ފޭބުމާއި ރަށަށް އެތެރެވުން މަނާކޮށްފައިވާނެ ކަމަށެވެ. އަދި އާންމު އުސޫލުން ނިކުމެ އުޅުން މަނާކޮށް ޕޮޒިޓިވްވި ގޭގެއިންވެސް މީހުން ނިކުތުން މަނާކޮށްފައިވާނޭކަމަށްވެސް ނަސީމް ބުނެފައި ވެއެވެ.

މިހާރު މިހާތަނަށް ޖުމުލަ 23 ރަށަކުން ޕޮޒިޓިވް ކޭސްތަކެއް ފެނި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ:

  • ޅ. ނައިފަރު
  • އދ. މާމިގިލި
  • ތ. ވޭމަންޑޫ
  • ތ. މަޑިފުށި
  • އއ. ބޮޑުފޮޅުދޫ
  • ބ. އޭދަފުށި
  • ކ. ހިންމަފުށި
  • ކ. ގުޅި
  • ކ. މާފުށި
  • އއ. މަތިވެރި
  • ލ. މާންދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ގދ. ތިނަދޫ
  • އއ. އުކުޅަސް
  • ކ. ތުލުސްދޫ
  • ލ. ދަނބިދޫ
  • އއ. ރަސްދޫ
  • މ. ކޮޅުފުށި
  • އައްޑޫ ސިޓީ
  • އދ. ދަނގެތި
  • ހއ. ދިއްދޫގެ
  • ފ. ފީއަލީ

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ.

އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.