ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 102،589 މީހުން ވެކްސިންތަކުގެ ދެވަނަ ޑޯޒު ޖަހައިފިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ޖުމްލަ 1675 މީހުން ވެކްސިން ޖާހާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 432 މީހުންނާއި ދެވަނަ ޑޯޒް ޖެހި 1243 މީހުންނެވެ. އެއީ ހަމައެކަނި އަތޮޅުތަކުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 296،961 އަށް އަރާފައެވެ. އަދި 102،589 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިން އެވެ. މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ.

ދާދި ފަހުން ވަނީ މާލެ ސަހަރައްހަދުގައި ވެކްސިން ޖަހަމުން ދިޔަ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނަނީ ދެ ސެންޓަރަކުންނެވެ. އަދި ކޮވިޝީލްޑް ޖަހައިދުމުން ދަނީ ވެސް ހަމައެކަނި ދެވަނަ ޑޯޒް ޖަހާ މީހުންނަށް އެކަންޏެވެ. އެގޮތުން އެ ވެކްސިން ޖަހައިދެނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުންނެވެ.

ބާކީ ހުރި ސެންޓަރުތަކުން މި ފަހުން ޖަހައިދެމުން އަންނަނީ ސީނޯފާމް ވެކްސިންއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުނަގައި މިވަގުތު ރާއްޖޭގައި ކޮވިޝީލް ވެކްސިންގެ ސްޓޮކް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި އެ ވެކްސިންގެ އިތުރު ޑޯޒް ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.