ރާޢްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ޕޮޒިޓިވް ވާ އަދަދުތައް ބޮޑުތަނުން މަތީގައި ހުންނަތާ ހަފްތާއެއް ފަހުން ފިޔަވަޅެއް ހަރު ކަށި ކޮށްފިއެވެ. އެޗްޕީއޭއިން މިރޭ ގެޒެޓު ކުރި އެންގުމެއްގައި ވަނީ، މޭ 3، 2021 ވާ ހޯމަ ދުވަހުން ފެށިގެން ރާއްޖެ އަންނަ އެންމެންގެ އަތުގައި 96 ގަޑި އިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ވާނެ ކަމަށެވެ.

96 ގައޑި އިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއިން އިސްތިސްނާ ލިބޭ ހަމައެކަނި ބަޔަކީ 1 އަހަރު ނުވާ ކުޑަ ކުދިންނެވެ. އެނޫން އެންމެން، ދިވެއްސަކަސް، ބޭރު މީހަކަސް ރާއްޖެ އާދެވޭނީ 96 ގައޑި އިރު ނުވާ ނެގެޓިވް ޕީސީއާރު ހިފައިގެންނެވެ.

ނަމަވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެފައި ވަނީ، 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ގެންނަން އަންގާފައި އޮތަސް އޭނާ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އޭނާ އަންގަވާ ގޮތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ހާލަތާއި ވަގުތަށް ރިޔާއަތް ކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށެވެ. މީގެ އިތުރުން އެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އެންމެހާ އިދާރާތަކަށް ޑީޖީ މައިމޫނާ ވަނީ އަންގަވާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ދިޔަ އިރު މިއަދު ވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 3305 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، 465 މީހަކު ޕޮޒިޓިވް އެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 193 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 25 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 242 މީހަކާއި ލިވަބޯޑަކުން 5 މީހެކެވެ.

މިއަދު 465 މީހުން ޕޮޒިޓިވްވި އިރު އިއްޔެ ވަނީ 318 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ ބުދަ ދުވަހު 464 މީޙަކު ޕޮޒިޓިވްވެފައި ވާއިރު، އަންގާރަ ދުވަހު 386 ކޭސް، ހޯމަ ދުވަހު 328 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިދިޔަ އާދިއްތަ ދުވަހު 253 މީހަކު ކޮވިޑް ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވާއިރު ހޮނިހިރު ދުވަހު ވަނީ 218 ކޭސް ރިޕޯޓް ކޮށްފައެވެ. ހަމައެއާއެކު ހުކުރު ދުވަހު ވަނީ 318 ކޭސް ރިޕޯޓް ކޮށްފައެވެ.