ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރުމުން މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޔުމްނާ މައުމޫން އެކަމަށް ފާޑުވިދާޅުވެ ޝަކުވާކުރައްވައިފިއެވެ.
ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯދަމަހެއްގެ ތެރޭގައި ރައީސް މައުމޫނު ޖަލުބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން، އާއިލާގެ ފަރާތުން އެތައް ފަހަރަކު އެދެމުންދިޔަ ހަނދާންތައް އާވާކަމަށެވެ. ޔުމްނާ މި ޓުވީޓް ކުރެއްވީ މޯލްޑިވްސް ކަރެކްޝަންސްއިން ކުރީގެ ރައީސް ޔާމިން ގޭބަންދަށް ބަދަލުކުރިކަން ކަށަވަރުކޮށް ކުރި ޓުވީޓް ޝެއާ ކުރައްވަމުންނެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކުރީ މާފުށީގައި ކޮވިޑް ކޭސްތަކެއް އުޅޭތީއާއި ޖަލު އޮފިސަރުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ބުދަ ދުވަހު މޯލްޑިވްސް ކަރަކްޝެނަލް ފެސެލިޓީން އާންމު ކުރި ކޮވިޑާ ގުޅޭ މައުލޫމާތު ދައްކާ ގޮތުން މިމަހުގެ 28 ވަނަ ހިސާބަށް މާފުށި ޖަލުގެ 17 އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު 82 އޮފިސަރުން މިވަގުތު ތިބީ ކަރަންޓީނުގައެވެ. އަދި މާފުށި ޖަލުގައި މިވަގުތު ބަންދުކޮށްފައިވާ އެއްވެސް ޤައިދީއަކުން ކޮވިޑަށް ޕޮޒިޓިވްފައި ނުވާ ކަމަށް ކަރަކްޝަންސްއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތު ބުނެއެވެ.