ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލޭގައި ދެވަނަ ޑޯޒް ޖަހައިދޭ ސެންޓަރުތަކުން ކިއުބީ މެދުވެރިކޮށް ޓޯކަން ދޫކުރުން މިރެއިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭން ވަނީ އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވެކްސިން ތިން ސެންޓަރެއްގެ ކިއު ނަމްބަރު އޮންލައިންކޮށް ކިއުބީ މެދުވެރިކޮށް ދޫކޮށް އަދި ކިއު ނަންބަރު ބެލޭ ގޮތަށް ހަމަޖައްސާފައެވެ.

ނަމަވެސް ކިއުބީއިން ޓޯކަން ނެގުމަށް ފަހު 100-300 އަ ދެމެދުގެ އަދަދެއްގެ މީހުން ވެކްސިން ޖަހަން މިހާތަނަށ ނުދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެން އެކަން ވާތީ އާއި ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ފިޒިކަލްކޮށް (ސެންޓަރުތަކަށް ދާ މީހުންނަށް) ނަންބަރު ދޫކުރަން ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފިޒިކަލްކޮށް ނަންބަރު ދޫކުރިނަމަވެސް ކިއުބީ އިން ނަންބަރު ކުރިއަށް ދާވަރު ފެންނާނެ ކަމަށެވެ.

ކިއުބީ މެދުވެރިކޮށް ޓޯކަން ދޫކޮށް، ވެކްސިން ކިއު އޮންލައިންކޮށް ބެލޭ ގޮތް ހަދާފައި ވަނީ މާލޭގައި ވެކްސިން ކިއުތައް ދިގުވެގެން ޝަކުވާތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

އެގޮތުން ވެކްސިން ޖަހަން ދިޔަ މީހުން ގިނަވެ ވެކްސިން ސެންޓަރުތައް އޮތީ ތޮށްޖެހި ފުރިފައެވެ. ގައި ދުރުކަމަށް ނުވިސްނައެވެ. ކޮންމެ ރެއަކު އެތައް ބަޔަކު ވެކްސިން ޖެހުމަށް ކިއުގައި އެތައް އިރެއް ވަންދެން މަޑުކޮށްގެން ތިބި މަންޒަރު ފެނުނެވެ. ކިއު ހުޅުވާ ނުލަނީސް، ގިނަ ބަޔަކު ކިއު ހެދިއެވެ.

ހުރިހާ މަރުކަޒެއްގައި ދިގު ކިއުތައް ހެދި އިރު ވެކްސިން ޖެހުމުގައި ދުވަސްވީ މީހުންނަށް ހާއްސަ އިސްކަމެއް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިސްކަމެއް ދީފައެއް ނުވެއެވެ.

ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 88،649 މީހުން ވެކްސިންތަކުގެ ދެވަނަ ޑޯޒު ވަނީ ޖަހާފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހޯމަ ދުވަހު ރާއްޖެއިން ޖުމްލަ 6838 މީހުން ވެކްސިން ޖާހާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 1016 މީހުންނާއި ދެވަނަ ޑޯޒް ޖެހި 5822 މީހުންނެވެ.

މާޅެ ސަރަހައްދުން މިދިޔަ ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 313 މީހުން ޖަހާފައެވެ. އަދި އަތޮޅު ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަިއ ވަނީ 703 މީހުންނެވެ. ހަަމައެއާއެކު މިދިޔަ ހޯމަ ދުވަހު މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 2780 އެވެ. އަތޮޅު ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ 3042 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 293،429 އަށް އަރާފައެވެ. އޭގެތެރެއިން 88،649 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.