ސައީދު ހުރީ ތަންވަޅު ބަލާށެވެ. ސަފީގާ ބޭރަށް ޖެހިލި ވަގުތު ބަލާ ފާރު ބުރި މަތިން އެތެރެއަށް ފުންމާލައިފިއެވެ. ދެކޮޅު ހޯދާ ބަލަމުން ގޮސް ހުއްޓުނީ ބަދިގެ ދޮރުމަތީގައެވެ. ދޮރުގެ ދެކަނީގައި އަތް ވިދެގެން އެތެރެއަށް ބަލަހައްޓައިގެން ހުރީ ބުޅާ މަސްގަނޑަށް ބަލަން ހުންނަހާ ނުލަފާ ގޮތަކަށެވެ.

ބަދިގޭގައި އޭރު ސަފީގާގެ ދަރި ސިލްމާ އިނީ ހުނި ގާނާށެވެ. ސިލްމާ އަކީ އަދި އުމުރުން އެންމެ 8 އަހަރުގެ ކުއްޖެކެވެ. ސައީދު ދޮރުމަތީގައި އެހުރީ ސިލްމާގެ ދަހިވެތިކަމުގައެވެ.

"ސައީދު އެކަމާ އުޅޭތާ ކިތަންމެ ދުވަހެއް...ސިލްމާ އާ ގާތް ވެވޭނެ ހުރިހާ ގޮތެއް އޭނާ ހޯދާ...ފަންޑިތަވެސް ހަދާ..."

ހަދީޖާ ފުލުހުންނަށް ބަޔާން ދެމުން ދިޔައެވެ. ހަދީޖާ އެ ބަޔާން ދެނީ، ސައީދު ސިލްމާ އާ ބެހިގެން އެކަން ފަޅާ އެރުމާއެކު ފުލުހުން ސައީދު ހައްޔަރު ކުރުމުންނެވެ.

ހަދީޖާ އަކީ، ސަފީގާމެންގެ ގެއާ އިންވެގެން ހުންނަ ގޭގައި އުޅޭ މީހެކެވެ. ސަފީގާމެން ގޭގައި ހިނގާ ހުރިހާ ކަމެއް ބަރާބަރަށް ހަދީޖާ އަށް އެނގެއެވެ. ދެ ގޭގެ އިންފާރު ހުންނަނީ އިސްކޮޅާ ހަމައަށް ކަމުން ކޮރާލިއަސް އެއްގޭގައި ހިނގާ ކަންކަން އަނެއް ގެއަށް ވަރަށް ފަސޭހައިން ފެނެއެވެ.

ސައީދު، ސިލްމާ ފަހަތުން މުގޯލި އަޅާތަން ހަދީޖާ ބަލާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އެވާހަކަ އެއްވެސް ފަރާތަކަށް ރިޕޯޓު ނުކޮށް ހުރީ، ސާބިތުކޮށް ހިފޭ ވަރަށް ކަމެއް ނުފެންނާތީއެވެ.

"ދޭތެރެ ދޭތެރެއިން އިވޭނެ އެ ގޮއެ ގެ އަޑު...އެ ސައީދު ވަދެގެން އެ ގޮއެ ދުވެ އަޅާފަ ނުކުމެގެން ދާނެ ބަދިގޭގައި ހުރިއްޔާ، ގޭ ތެރެއަށް...ގޭތެރޭގައި ހުރިއްޔާ ބަދިގެއަށް ނޫނީ ގެއިން ބޭރަށް..." ހަދީޖާ ފުލުހުންނަށް ކިޔައިދެމުން ދިޔައެވެ. ހަދީޖާއަށް ފުލުހުންނަށް ކިޔައިދޭން ނޭނގެނީ، އެއިން ކޮންމެ ފަހަރަކު ސިލްމާ އަޑެއް ލައްވާލައިފާ ދުއްވައިގަނެގެން ދަނީ ސައީދު ކޮންކަމެއް ކުޜާތީ ކަމެވެ. ހަދީޖާ އެ މަންޒަރުތައް ބަލަނީ އޭނާގެ ގޭގެ ފާރުމަތިން ބޯ އަރުވައިގެން ކަމަށް ވާތީ، ސަފީގާމެންގެ ގޭ ތެރޭގައި ނުވަތަ ބަދިގޭގެ ތެރޭގައި ހިނގާ ކަމެއް ސީދާ ހަދީޖާއަކަށް ނުފެނެއެވެ.

"ބައެއް ފަހަރު ފެންނާނެ، އެ ސަފީގާ، ސައީދާ ސަކަރާތް ޖަހާތަންވެސް...ދެން ނޭނގެ އެއީ އަދި ކޮން ގުޅުމެއް ކަމެއް...އެކަމަކު އެ ގޮއެ ދުވެ އަޅާ ދަނީ އެ ސައީދު ކޮންމެސް ކަމެއް ކުރާތީ...އެއީ، އޭރު ސަފީގާ ނޫޅޭނެ ގޭގައި...ސައީދު އެ ގޮއެ އާ ދިމާ ކުރާނީ ސަފީގާ ނެތިއްޔާ" ހަދީޖާ ކިޔައި ދެމުން ދިޔައެވެ.

ހަދީޖާ އެބުނާ ސައީދަކީ ނިކަން މުޑުދާރު ފާޑަކަށް ހުންނަ މީހެކެވެ. ބޮޑު ބަނޑެއްލައި، ތައްމިނަށް ދުފާ ދޫ ރަތްކޮށްގެން ހުންނަ މީހެކެވެ. އަބަދާ އަބަދު ދެމިޔަކަނުން ހައްޕުނޑާއެކު ސޮނި ފައިބާނެއެވެ. ގައިގާ އޮންނަ މުންޑުގަނޑު އެ ފޮހުނެއް ކަމަކު، އެ އަނގަ ހުސްކޮށް ހުންނަ އިރެއް ނުފެންނާނެއެވެ. އޮލަކޮށް ދުފާފައި ހުންނަ ސައީދުގެ އިނގިލި ކުރީގައި އަބަދުވެސް ހުނި ގުޅައެއް އޮންނާނެއެވެ. މުންޑުގަނޑު އަރުވާޖަހައިގެން ހުންނަ ސައީދަކީ އެ ރަށުގައި ފުދޭ ވަރަކަށް ލިބޭ މީހެކެވެ. 2 ފިހާރައަކާއި، މަހަށް ފުރާ 2 ދޯންޏެއް އޮވެއެވެ. އަންބަކާ 6 ކުދިންވެސް ތިބެއެވެ. ސައީދަކީ ރަށުގެ އެންމެނަށްވެސް ހެޔޮ މީހެއްގެ އިތުރުން، އޭނާގެ ދޯނި މަހުން ލަފައިފިއްޔާ ގިނަ ގޭގޭގެ ލޮނުކަން ވެސް ހަމަޖައްސައިދޭ މީހެކެވެ. އަދި އޭނާގެ ފިހާރަތަކުން ރަށުގެ ގިނަ ބަޔަކު ކްރެޑިޓަށް ނުވަތަ ފަހުން ލާރި ދައްކާ ގޮތަށް ތަކެތިވެސް ދޫކުރާ މީހެކެވެ. ރަށުގެ މަދު މީހެއް ފިޔަވާ އެންމެންގެ ނަމުގައި ފިހާރައިގައި ދަރަނި އޮންނާނެއެވެ.

"ސައީދުގެ އަންހެނުންނަށްވެސް އެނގޭނެ ސައީދު ސަފީގާ ކައިރިއަށް ދާކަން...އެކަމަކު ހިޔެއް ނުވޭ އެ ގޮއެ ކައިރިއަށް ވަންނަކަން އަންހެނުންނަށް އެނގޭހެނެއް..." ހަދީޖާ ކިޔައިދެމުން ދިޔައެވެ.

ހަދީޖާގެ ބަޔާން ނަގާ ނިމުނު އިރު، ފުލުހުންނަށް އެ މައްސަލައިގައި ކުރިއަށް ދާނެ އިތުރު ކޮޅެއް ލިބުނެވެ. ހަދީޖާގެ ވާހަކައިން ކުރި ފެޅި އަނެއް ކަމަކީ، ސައީދު ސިލްމާ އާ އަޅައިގަތް ގޮތެވެ.

އެއީ ރޯދަ ނިންމާފައި އައި އީދެވެ. ރަށުގެ އާދަކާދަ ހުންނަ ގޮތުން ފެން ކުޅި ކުޅެން ސިލްމާއާއި އޭނާއާ އެއްފުރާގެ ކުދިންތައް އުޅުނު ދުވަހެކެވެ. ސައީދު އޭރު އިނީ ފިހާރައިގެ ދޮރުމަތީގައި ހަދާފައި ހުރި ގާ އަށި މަތީގައެވެ. ދުފާ ރަތްކޮށްގެން އިންދާ ކުއްޖަކު އެއްލި ފެން ޕެކެޓެއް އަމާޒުން ކައްސާލައިގެން ގޮސް ސައީދުގެ މޫނުގައި ޖެހުނީއެވެ. ސައީދު ފުންމައިގެން ތެދުވެ ކާކު އެއްލި އެއްޗެއް ތޯ އަހާ ހަޅޭއްލަވައިގަތް ވަގުތަކީ ސިލްމާ ބިރުން އަތް ނެގި ވަގުތެވެ.

"އައިސްބަލަ...އެ ކޮއެ އާދެބަލަ..." ސައީދު އައިސްފައި ހުރި ރުޅި ވަގުތުން ފިލުވާލައި މާ ހިތްހެޔޮގޮތް ދައްކާ ސިލްމާއަށް ގޮވާލިއެވެ. ސިލްމާ ގަންފައި ހުރި ބިރުން ސައީދު ކައިރިއަށް ދިޔައީ ސައީދުގެ ކަސްތަޅުގައި ޖެހިދާނެ ކަމުގެ ކުޑަވެސް އިހުސާސެއް ނެތިއެވެ.

"ސައީދު ބޭ...ސޮރީ..." ބިރުން ހުރެ ސިލްމާ ބުންޏެވެ.

އެއާއެކު ސިލްމާގެ އަތުގައި ހިފާ ސައީދު ސިލްމާ ގަޔާ ކައިރިއަށް ދަމާލިއެވެ. އަދި ސިލްމާގެ ކޮނޑުގައި ފިރުމާލައި ގައިގާ ޖައްސާ ފިއްތާލަމުން އެއީ އެވަރު ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި ކިޔަނީ ކޮން ނަމެއްތޯއާއި ކޮން ގެއެއްގެ ކުއްޖެއްތޯ އަހާ ވަނަވަރު އޮޅުން ފިލުވިއެވެ.

އެ ދުވަހަށް ފަހު، ސައީދު ގަވާއިދުން ސަފީގާމެން ގެއަށް ދެއެވެ. ފިހާރައިން ކޮންމެވެސް އެއްޗެއް ހިފައިގެން ނޫނީ މަހުން ލަފާ ދޯނިން މަހެއް ހިފައިގެންނެވެ.

"ސަފީގާއަށް ސައީދުގެ މަގުސަދު ސާފު ވި އިރު މާ ލަސްވެއްޖެ...އެ މަންޖެގެ ދުވަސް ދުއްވާލައިފި.." ހަދީޖާ ބުންޏެވެ.

ސައީދުގެ ހިތްހެޔޮކަމާއި އޯގާތެރިކަމާ ހުރެ ސަފީގާއަށް ސައީދު ނޭނގުނީއެވެ. ސަފީގާއާއި ސިލްމާއަކީ އެކަނި އުޅޭ ދެމައިން ކަމަށް ވެފައި، ގޭތެރޭގައި އެހެން ދަތިވެފައި ހުންނަ ކަންކަން ސައީދު ކޮށްދީ އުޅޭތީއެވެ. ސައީދަކީ ރަށުގެ އެހެން ބައެއް ގޭގެއަށްވެސް އެހެން ވަދެ އުޅޭ މީހަކަށް ވާތީ، އަމުދުން މާ ހާއްސަ ތަފާތުކަމެއް ސަފީގާއަށް ފާހަގަ ނުކުރެވުނީއެވެ. އަދި ސަފީގާ ނޫޅޭ އެތައް ގަޑިއެއްގައި ސައީދު އެގެއަށް ވަންނަ ކަންވެސް ސަފީގާއަށް އެނގިފައިވެސް ނެތީއެވެ. ސިލްމާ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުން އެވާހަކަ މަންމަ ގާތުގައިވެސް ބުނަން ނުކެރިފައި ހުންނާތީ، ސައީދު ދިޔައީ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފަމުންނެވެ.

ކަންކަން ގޯސްވެ، ހަމައިން ނެއްޓުނީ 8 އަހަރުގެ ސިލްމާ ބަލިވެ އިންކަން އެނގުނީމައެވެ. ބަލިވެ އިނުން ފަދަ ކަންކަމަކީ ފަސޭހަ ފަސޭހައިން ފޮރުވޭ ކަހަލަ ކަންކަމަށް ނުވާތީ ސަފީގާއަށް އެކަން އެނގުނީއެވެ. ސަފީގާއަށް އެކަން އެނގުނު އިރު މާ ލަސްވެއްޖެއެވެ. އޭރު ބަނޑަށް 3 މަހެވެ. ސިމްލާ ބަނޑުބޮޑުކަން އެނގުނު ދުވަހަކީ ހަދީޖާއަށްވެސް އެކަން އެނގުނު ދުވަހެވެ. އެ ދުވަހު ސިލްމާ "މަންމާ އޭ" ކިޔާފައި ރޮއިގަން އަޑަށް ހަދީޖާވެސް ދުވެފައި ގޮސް އެގެއަށް ވަން އިރު އެ ގޮއެ އަނބުރައިގަނެގެން އޮތީ ވެއްޓިފައެވެ. ހޮޑުލާ ހޮޑުލާ ވާތާވި ދުވަހެއް ވީމާ ސިލްމާއަށް އެކަން ސިއްރު ނުކުރެވުނީއެވެ. އޭގެ ކުރިން ހޮޑު ލެވުނަސް ސިލްމާ ހުންނަނީ އެކަން ސިއްރު ކޮށްގެންނެވެ.

ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރު ބުނީ ސިލްމާ ބަނޑުބޮޑުކަމަށެވެ. އެވަގުތު ސަފީގާ އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. ދެލޯ ފަދައިން ބަލަހައްޓަމުން ދިޔަ މައުސޫމް އެ ކުއްޖާ އަށް ދިމާވަމުން ދިޔަ ކަންކަން ސަފީގާއަށް ރެއަކާ ނުލީމައެވެ. އެކަމާ ވިސްނާލަންވެސް ނޭނގުނީމައެވެ. އަނެއްކާ ސިލްމާ އެފަދަ ވާހަކައެއްވެސް އަދި އިޝާރާތެއްވެސް ކޮށްފައި ނެތީމައެވެ. އަމުދުން، ސަފީގާ ނޫޅޭ ގަޑިއެއްގައި ސައީދު އެގެއަށް ވަންނަ ކަންވެސް އެނގިފައި ނެތީމައެވެ.

ފުލުހުން ސައީދާ ސުވާލު ކުރަމުން ދިޔަ އިރު އޭނާގެ މޫނުމަތިން ހާސްކަމުގެ އެއްވެސް ކަމެއް ނުފެއެވެ. އެކަން ނުކުރާ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަދި އޭނާއަކީ މުޅި ރަށުގެ އެންމެން ދަންނަ މީހެއް ކަމަށާއި އެއީ އޭނާގެ އަގުވައްޓާލަން ހަދީޖާ ކޮށްގެން އުޅޭ ކަމެއް ކަމަށް ބުންޏެވެ. ސައީދު ފުލުހުންނަށް ބަޔާނެއްވެސް ނުދިނެވެ. ބަންދުގެ 5 ދުވަސް ހަމަވެ، މުއްދަތު އިތުރު ކުރުމުން ހަމަވި 10 ދުވަހަށް ފަހު ސައީދު ދޫކޮށްލީއެވެ.

ފުލުހުން ސަފީގާއަށް ދޭ ޔަގީން ކަމަކީ ދައުވާ ކުރާނެ ކަމުގެ ޔަގީން ކަމެވެ. މަސްތައް ފާއިތުވެ ސިލްމާ ވިހައިފިއެވެ. ސިލްމާގެ ޅަ ކަމާ ހުރެ، ވިހެއުން ދިމާވީ ދުވަސް ނުފުރައެވެ. ގުދުރަތުގެ ނިޔާ ކަމެއް ނުވަތަ ސިލްމާގެ ނަސީބު ކަމެއް ނޭނގެއެވެ. ވިހޭ ދަރިފުޅު ވިހެއުމާއެކު ނިޔާވީއެވެ.

އޭގެ ފަހުން އަހަރެއްހާ ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ސައީދުގެ ނިދި ނަގާލީ، ނޫސްވެރިންގެ ދުރުމީ ސިލްމާއާ އަމާޒު ވި ހިސާބުންނެވެ. ނޫސްތަކުގެ ސުރުހީތަކުން ސިލްމާގެ ހާދިސާއަށް ލިބުނު ޖާގައިން މަޖުބޫރު ކުރުވީ ސައީދުގެ މައްޗަށް ދައުވާ އުފުލާށެވެ. ފުލުހުން ސަފީގާ ގާތުގައި ބުނި ގޮތަށް މައްސަލަ ޕީޖީއަށް ފޮނުވާ، ޕީޖީ އޮތީ ދައުވާވެސް އުފުލާފައެވެ. ނަމަވެސް ކޯޓުން ދައުވާ އަށް ނުކިޔާ އޮތީއެވެ. ސަބަބަކީ ސައީދުގެ ނުފޫޒެވެ. ދާއިރާގެ އެމްޕީއާ ގުޅިގެން މައްސަލަ އޮތީ "ޕާކު" ކޮށްފައެވެ. ނަމަވެސް ނޫސްވެރިންގެ ހިތްވަރުގެ ކުރިމަތީގައި ޝަރީއަތް ހިންގަން ކޯޓުތަކަށް މަޖުބޫރުވިއެވެ.

ޝަރީއަތުން ސައީދަށް ޖެހީ 25 އަހަރެވެ. ނަމަވެސް އެ 25 އަކީ، ސިލްމާގެ ވަށައިގެން އެޅުވި ކަސްތަޅާ ބައްދަލު ބަދަލެއް ހެއްޔެވެ. ކުށެއް ނެތް މައުސޫމް ކުއްޖެއްގެ މުޅި ޒިންދަގީ ދުއްވާލި "ރޭޕިސްޓަކަށް" ހައްގުވަނީ ދާއިމަށް ކަސްތަޅުގައި ބޭއްވުން ނޫންހެއްޔެވެ.

"އަހަރެންވެސް ތިކަމާ އެއްބަސް...." ހަދީޖާއަށް އެ ޖަބާވު ދިނީ ސައީދުގެ އަންހެނުން ޒުލޭހާއެވެ.

- ނިމުނީ -