މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" ގައި މި ފަހަރު ވެސް ރޯދަ މަހާ ދިމާކޮށް އާ ފީޗާތަކެއް އިތުރު ކޮށްފިއެވެ.

ދިރާގު ނައު އެމްވީގެ އެންމެ ހާއްސަ ކަމަކީ އެކި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކޮށްލެވުމެވެ. މި ފަހަރު ވެސް ރޯދަ މާ ދިމާކޮށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށް ދިނުމުގެ ގޮތުން ވަނީ ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ހާއްސަ ފީޗާތަކެއް ނައު އެޕަށް އިތުރު ކޮށްފައި ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން މިހާރު ނައު އެޕް މެދުވެރިކޮށް ކީރިތި ގުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވޭނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް އިން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މައުލޫމާތުތައް ކޮންމެ ދުވަހެއްގެ ހެނދުނު އެ އެޕްގައި ޝާއިއު ކުރެއެވެ. އެގޮތުން އެ ދުވަހެއްގެ މައުލޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސް ދެއްވާ ބޭފުޅުންގެ ނަން ހިމެނެއެވެ. އަދި ހަމައެއާއެކު، ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައް ވެސް ހިމަނާފައި ވެއެވެ.

މީގެ އިތުރުން، މި ފަހަރުވެސް ނައުއެޕް މެދުވެރިކޮށް ފިތުރު ޒަކާތް ފަސޭހަކަމާއެކު ދައްކާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރަކަށް ވީ ހިނދު ނައުއެޕް މެދުވެރުކޮށް ޒަކާތާ އެކީ ސަދަގާތް ދައްކާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ވެސް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށް ދިނުމުގެ ނިޒާމެއް ވަނީ ނައު އެޕްގައި އެކުލަވާލާފައެވެ. އެގޮތުން ނައު އެޕްގެ "ޑޮނޭޝަންސް" ބައިން ނައު އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

މި އެޕްގައި ރޯދަ މަހަށް ހާއްސަ އެހެނިހެން ފީޗާތަކުގެ ތެރޭގައި، ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗާތައް ހިމެނެއެވެ. އަދި ހަމައެއާކު ރޯދަ ވީއްލަން ތައްޔާރު ކުރާނެ މީރު ކާއެއްޗެހީގެ ރެސިޕީތަކާ އެކި އެކި ރެސްޓޯރެންޓާ ކެފޭތަކުގެ ރޯދަ ވީއްލުން މެނޫތައް ވެސް ނައުއެޕްގައި ހިމެނެއެވެ.

ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތްތަނުގަ އިވެސް ކަސްޓަމަރުންނަށް މުހިންމު ފީޗާތައް ނައު އެޕްގައި ހިމަނާ، އެޕް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދިނުން ކަމަށެވެ.