ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑްގެ ވެކްސިން ނޫން އެހެން ބްރޭންޑެއްގެ ވެކްސިންއެއް ދެވަނަ ޑޯޒްގެ ގޮތުގައި ދިވެއްސެއްގެ ގަޔަށް ޖެހިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ތަފާތު ދެ ވެކްސިނެއް މީހަކަށް ޖެހި ހާދިސާއެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އެޗްޕީއޭ އިން މަސައްކަތް ކުރަމުންދާނެ ކަމަށް ނާސިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ އެކަމުގައި ޑަބްލިއުއެޗްއޯއާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނާސިރު ވިދާޅުވީ މިހާތަނަށް ހެދިފައިވާ ދިރާސާތަކަށް ބަލާއިރު ދެ ވައްތަރެއްގެ ވެކްސިން ޖެހުނަސް ގެއްލުމެއް ލިބޭކަން އެނގިފައި ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާފައިވަނީ ސިނޯފާމްގެ ވެކްސިންއެވެ. އަދި ދެ ވަނަ ޑޯޒުގެ ގޮތުގައި ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ.
އެމީހާ ވެކްސިން ޖަހާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުން ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.
ވެކްސިންކާޑުގަ ލިޔެފަ ނޯވޭތަ ދިނީ ކޮން ވެކްސިން އެއް ކަމެއް.