ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 51،350 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ހިއްސާ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ 7658 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އޭގެތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 2125 މީހުން ކަމަށާއި ބާކީ 5533 މީހުންނަކީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ މާލެ ސަރަހައްދުން 3366 މީހަކާއި، އަތޮޅު ތެރެއިން 2167 މީހެކެވެ. އަދި އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ މާލެ ސަރަހައްދުން 277 މީހަކާއި، އަތޮޅު ތެރެއިން 1848 މީހެކެވެ.
މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 283،973 އަށް އަރާފައެވެ.
މި ރަމަޟާން މަހު މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދެނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. އެތަނުން ވެކްސިން ޖަހައި ދެނީ ރޭގަނޑު 9:00 އިން 11:45 ގެ ނިޔަލަށެވެ. މިހާރު ރާއްޖޭގައި ފުރަތަމަ ޑޯޒް ޖަހައި ދެނީ ސައިނޯފާމް ވެކްސިން އެވެ. އެ ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.
ހަމައެއާއެކު، މާލެ ސަރަހައްދުގެ 6 ވެކްސިން ސެންޓަރަކުން ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެއެވެ. އެ ސެންޓަރުތަކުން ވެސް ވެކްސިން ޖަހައި ދެނީ ރޭގަނޑު 9:00 އިން 11:45 ގެ ނިޔަލަށެވެ. އެ ސެންޓަރުތަކަކީ، ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް)، ވިލިމާލެ ޒުވާނުންގެ މަރުކަޒުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލެވެ.
މި ދުވަސްވަރު މާލެ ސަރަހައްދުގައި އެންމެ ބާރު ބޮޑީ ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހާ ސެންޓަރުތަކެވެ. އެ ސެންޓަރުތަކުގައި ކިއު ލައިން ދިގުވެ ގިނަ އިރު ވަންދެން މީހުން ކޮޅަށް ތިބެން ޖެހޭ މައްސލަަ ފެންމަތިވަމުން އަންނާތީ ލުޔެއްގެ ގޮތުން އެޗްޕީއެއިން ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭ ތިން ސެންޓަރަކުން ވެކްސިން ކިއު އޮންލައިންކޮށް ބެލޭނެ ގޮތް ހަމަޖައްސާފައެވެ.