ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށް ގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައި ވާތީ ކަމަށެވެ.

އެގޮތުން ގާދިއްފުށީފައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީ އާ ދެމެދު ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މާވަށުގައި ކުރިއަށް ގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނި ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން މިހާތަނަށް 208 ޝަކުވާއެއް ހުށަހަޅާފައި ވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ގިނައީ "އެއްވެސް ހެއްކެއް ނެތި، މީހަކު ބުނިބުނިއެއްގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާ" ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެ ތެރެއިން 11 ޝަކުވާއަކާ ގުޅިގެން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި ބައެއް ފޮށިތަކުގެ ވޯޓް އަލުން ގުނުން ވެސް ހިމެނޭ ކަމަށެވެ.