ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1 އިން ފެށިގެންނެވެ. ވެކްސިން ޖަހަން ފެށި ދުވަސްކޮޅު އެކަމަށް ބޮޑުތަރުހީބެއް ނުލިބެއެބެ. ނަމަވެސް ވެކްސިން ޖަހަން ހުއްޓާލަން އިއުލާން ކުރުމާއެކު ކިއުތައް ދިގުވިއެވެ. އެގޮތުން ވެކްސިން ސެންޓަރުތަކުގައި ފަތިހުން ފެށިގެން ކިއުގައި ޖެހެން ފެށިއިރު ވެކްސިން ސެންޓަރުތައް ވަނީ ތޮށްޖެހި ފުރިފައެވެ. ގައި ދުރުކަމަށް ނުވިސްނާ އެންމެން ވެސް ވަނީ ވެކްސިން ޖެހޭތޯ ކިއު އަށް އަރާފައެވެ.

މާލޭގައި ހުރި ވެކްސިން ސެންޓަރުގެ ބޭރުގައި މީހުން ކިއުގައި ޖެހިގެން/ފޮޓޯ: ދަ ޕްރެސް

އެއަށްފަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށީއެވެ. ދެވަނަ ޑޯޒް ޖަހަން ފަށާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހެވެ. މި ރޯދަ މަހު ވެކްސިން ޖަހާ ގަޑިއަކީ ރޭގަނޑު 9 އިން 11 އަށެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖެހުމުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް އޭގެ އަނެއް ދުވަހު ވަނީ ވެކްސިން ޖަހަން ފަށާފައެވެ.

ކޮންމެ ރެއަކު އެތައް ބަޔަކު ވެކްސިން ޖެހުމަށް ކިއުގައި އެތައް އިރެއް ވަންދެން މަޑުކޮށްގެން ތިބޭއިރު ރޭ ވެސް ފެންނަނީ ހަމަ މި މަންޒަރެވެ. ނުވަތަ އެއަށް ވުރެ ހާލަތު ދެރެއޭ ވެސް ބުނެވިދާނެއެވެ. ރޭ ވެސް ވެކްސިން ކިއު ހުޅުވާ ނުލަނީސް، ގިނަ ބަޔަކު ވަނީ ކިއު ހަދަން ފަށާފައެވެ. ހުރިހާ މަރުކަޒެއްގައި ދިގު ކިއުތައް އޮތް އިރު ވެކްސިން ޖެހުމުގައި ދުވަސްވީ މީހުންނަށް ހާއްސަ ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިސްކަމެއް ދީފައެއް ނުވެއެވެ.

ބައެއް މީހުންނަށް ވެކްސިން ޖަހައިގެން ގެއަށް ދެވުނީ ކިއުގައި މަޑުކޮށްގެން ތިބެ، ތިން ގަޑި އިރަށް ވުރެން ވެސް ފަހުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވެކްސިން ކިއުތަކުގައި ގިނައީ ދިވެހިންނެއް ނޫނެވެ. ބިދޭސީންނެވެ.

މިއީ ގިނަ ބަޔަކު ކަންބޮޑުވާނެ ކަމެއް ކަން ޔަގީނެވެ. ގިނަ ބަޔަކު ބުނަނީ އެޗްޕީއޭ އޮތީ ނިދާފަ ކަމަށެވެ.

އެކަމާ ގުޅިގެން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެެ. އެގޮތުން ޝަރީފް ވިދާޅުވީ ރޭ ވެކްސިން ޖަހަން ކިއު ހަދައިގެން އާއިލާތައް ސީގަލް ކެފޭ ހިސާބުން ފެށިގެން ސަލްޓަން ޕާކު ވަށައިގެން ސީއެޗްއެސްސީ އާ ހަމައަށް އެތަކެއް އިރެއްވަންދެން ރައްޔިތުން ތިބެން ޖެހުނު ކަމަށެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލަރުން، މާލެ މެންބަރުން، އެޗްޕީއޭ އަދި ސަރުކާރުގެ އެއްވެސް އިދާރާއެއްގެ މީހަކު އެހިސާބުން ނުފެންނަ ކަމަށް ވެސް ސަރީދް ވަނީ ވިދާޅުވެފައެވެ.

ޝަރީފު ވަނީ ސަރުކާރުގެ އެތަކެއް އިމާރާތްތަކެއް މިކަމަށް ހަމަޖެއްސިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެތަންތަނުގައި ގޮނޑި ޖަހައިގެން ކިއު ބޮޑު ނުކޮށް އެކަން ކުރެވިދާނެ ކަމަށާއި އަދި އަވަށްތަކުގެ ސްކޫލުތައް އެކަމަށް ހަމަޖެއްސުން މުހިންމު ކަމަށެވެ.

ކޮންމެއަކަސް މިކަމަށް އަވަސް ހައްލެއް ގެނައުމަކީ މުހިންމު ކަމެކެވެ. މިފަދަ މާތް މަހެއްގައި ދުވާލު އެއްކޮށް ރޯދައަށް ތިބެ ރޭގަނޑު ނިމެންދެން ވެކްސިން ޖަހަން ކިއުގައި ތިބެން ޖެހިގެން ނުވާނެއެވެ.

ރޯދަ މަހު ޖުމްލަ 7 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެއެވެ.

ވެކްސިން ޖެހުމަށް ޓްރީ ތޮޕް ހޮސްޕިޓަލަށް ގޮސް ތިބި މީހުން / ފޮޓޯ: ދަ ޕްރެސް

އެގޮތުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖަހައިދޭނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލޭ ވެކްސިން ސެންޓަރު، އަދި ވިލިމާލޭ ވެކްސިން ސެންޓަރާއި ސެނަހިޔާ ހޮސްޕިޓަލުންނެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒު ޖަހައިދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

މިމަހު 11 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ޖަހަން ފަށާފައި ވާއިރު އެ ވެކްސިން ޖެހުމަށް ހަމަޖެހިފާ ވަނީ ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންގެ އިތުރުން 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައި ވާ ހާއްސަ ހާލަތްތަކުގައި ވާ ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.