ކޮވިޑް ވެކްސިންގެ 2ވަނަ ޑޯޒް ޖަހަން މީހުނަށް ކުރިއަށް އެންގުމުގެ ގާބިލުކަން ނެތުމަކީ ދެރަކަމެއް ކަމަށް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ފުރަތަމަ "ޑޯޒް" ޖެހުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެ މީހެއްގެ މައުލޫމާތު ލިބޭ ކަމަށެވެ.

އެގޮތުން ޒަމާނަށް ފެތި ކޮމްޕިޔުޓަރުތަކާއި ސޮފްޓްވެޔާ ބޭނުންކޮށްގެން 2 ވަނަ ޑޯޒް ޖަހަންޖެހޭ މީހުންނަށް ވަކިވަކިން ތާވަލެއް ހަދާ ކުރިއަށް އެންގުމުގެ ގާބިލުކަން ނެތުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ޒަރިޔަންދު އެހެން ވިދާޅުވެފައިވާއިރު ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދާން ޖެހެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ދުވަސް ބަލާ، އޭގެ އަށް ހަފްތާ ހަމަވުމުންނެވެ.

ރާއްޖެއިން، ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 34531 އަށް ވަނީ އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 277522 އަށް އަރާފައެވެ.

މި ރަމަޟާން މަހު މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދެނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. އެތަނުން ވެކްސިން ޖަހައިދެނީ ރޭގަނޑު 9:00 އިން 11:45 ގެ ނިޔަލަށެވެ. މިހާރު ރާއްޖޭގައި ފުރަތަމަ ޑޯޒް ޖަހައި ދެނީ ސައިނޯފާމް ވެކްސިންއެވެ. އެ ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ހަމައެއާއެކު، މާލެ ސަރަހައްދުގެ 6 ވެކްސިން ސެންޓަރަކުން ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެއެވެ. އެ ސެންޓަރުތަކުން ވެސް ވެކްސިން ޖަހައި ދެނީ ރޭގަނޑު 9:00 އިން 11:45 ގެ ނިޔަލަށެވެ. އެ ސެންޓަރުތަކަކީ، ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް)، ވިލިމާލެ ޒުވާނުްނގެ މަރުކަޒުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލެވެ.