ސަރަހައްދީ ފުރިހަމަ މިލްކުވެރި ކަމާ މެދު ދެބަސްވެ، ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ޖާސޫސީ އޮފިސަރުން، ކަޝްމީރުގެ މައްސަލާގައި މިއަހަރުގެ ޖެނުއަރީ މަހު، ސިއްރު މަޝްވަރާތަކެއް ދުބާއީގައި ކުރިއަށް ގެންދިޔަ ކަމަށް، އެކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކަކާ ހަވާލާދީ، ރޮއިޓާޒްއިން ރިޕޯޓް ކޮށްފިއެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް ޕާކިސްތާނާއި އިންޑިއާގެ ގުޅުން އިންތިހާއަށް ހީނަރުވެގެން ދިޔައީ، 2019 ވަނަ އަހަރުގެ ތެރޭގައި، ކަޝްމީރުގައި ދަތުރު ކުރަމުން ދިޔަ އިންޑިއާ އަސްކަރިއްޔާގެ ގާފިލާއަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާ، ޕާކިސްތާނުގައި ގާއިމުވެ ތިބި ހަނގުރާމަވެރިންތަކަކާ ގުޅުވި، އިންޑިއާއިން ޕާކިސްތާނަށް ހަނގުރާމަތީ މަތީ މަތިންދާ ބޯޓުތައް ފޮނުވި ހިސާބުންނެވެ.

ހަމަ އެ އަހަރުގެ ފަހުކޮޅު، އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރާ މޯދީ ވަނީ، ކަޝްމީރުގެ އިންޑިއާއާ ވީ ފަޅިއަށް ލިބިދީފައި އޮތް ހާއްސަ އިމްތިޔާޒުތަކާ ބާރުތައް އުވާލައްވާ، ގާނޫނީ ގޮތުން ފިއްތުންތަކެއް ކުރިމަތިކުރައްވާފައެވެ. މިއާއެކު ޕާކިސްތާނުގައި ނަފުރަތުގެ ހުޅުގަނޑު ގަދަވެ، ދޭދޭ ޑިޕްލޮމެޓިކް ގުޅުން، އިންތިހާއަށް ހީނަރުވެ، ދޭދޭ ވިޔަފާރީގެ ގުޅުމުގައި ސިއްކަޖެހިއެވެ.

ރޮއިޓާޒްއަށް މައުލޫމާތު ދިން މަސްދަރުތަކުން ވަނީ، ދެ ގައުމުގެ ސަރުކާރުންވެސް ޑިޕްލޮމަސީގެ ޗެނަލް އަލުން ހުޅުވާލާފައި ވާ ކަމަށާ، ކުރިއަށް އޮތް މަސްތަކުގައި އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމަށް އެކަށީގެންވާ މަގު ޗާޓެއް އެކުލަވާލާފައި ވާކަމަށް ބުނެފައެވެ.

ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ ރިސާޗް އެންޑް އެނާލިސިސް ވިންގް ނުވަތަ ހާރިޖީ ޖާސޫސީ އޭޖެންސީއާ، ޕާޚިސްތާނުގެ ޖާސޫސީ އިދާރާ (އައިއެސްއައި)ގެ އޮފިޝަލުން ދުބާއީގައި މަޝްވަރާ ކުރެއްވީ، އެކުވެރި އަރަބި އިމާރާތުގެ ސަރުކާރުން ފަހިކޮށްދިން ފުރުސަތެއްގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.

މިކަން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ މީޑިއާއިން ސުވާލު ކުރުމުން އިންޑިއާގެ ހާރިޖިއްޔާއިން އިޖާބައެއް ދީފައި ނުވާއިރު، އައިއެސްއައި ކޮންޓްރޯލް ކުރާ ޕާކިސްތާނުގެ އަސްކަރިއްޔާއިންވެސް ޖަވާބެއް ދީފައި ނުވާ ކަމަށް، އަލްޖަޒީރާގައި ރިޕޯޓް ކޮށްފައި ވެއެވެ.