އެހެން މީހުންގެ ރުހުމާއި ބަލައިގަތުން ހޯދުމުގައި ބައެއް މީހުންނަށް ނަފްސާނީ ގޮތުން އަސަރު ފޯރާ ދަރަޖައަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކަންކަން ގޯސްވެފައި ވާ އިރު، ޕޯސްޓުތަކަށް ލައިކް ލިބޭ ވަރު "ފޮރުވުމަށް" އިންސްޓަގްރާމްއިން ތަޖުރިބާ ދަތުރެއް ފަށައިފިއެވެ.

އިންސްޓަގްރާމްގެ ބެލެނިވެރި، ފޭސްބުކް ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވީ، އިންސްޓަގްރާމްގައި އެއްޗެއް ޕޯސްޓު ކުރާއިރު، މީހުންގެ ފަރާތުން "ލައިކް" ހޯދުމަށް އޮންނަ ޕްރެޝަރަށް ލުޔެއް ލިބޭތޯ ބެލުމުގެ ގޮތުން، 2019 ވަނަ އަހަރުވެސް ބައެއް އެކައުންޓްތަކުން "ލައިކް" ފޮރުވާފައި ވާނެ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، އެ ފަހަރުގެ ތަޖުރިބާއަށް ބަލާއިރު، ބައެއް މީހުންނަށް އެކަމުން ފައިދާ ކުރި ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު، އެންމެ މަގުބޫލު ޕޯސްޓްތައް ދެނެގަތުމަށްޓަކައި، ލައިކް ލިބުނު ވަރު އެނގެން ބޭނުންވި ކަމަށެވެ.

އިންސްޓަގްރާމުން މިފަހަރު ލޯންޗުކުރި ތަޖުރިބާގެ ތެރެއިން، އެކައުންޓްގައިވާ ޕޯސްޓްތަކަށް ލައިކް ލިބިފައި ވާ މިންވަރު އެހެން މީހުންނަށް އެނގެން ބޭނުންވޭތޯ ނުވަތަ ނޫންތޯ ޚިޔާރު ކުރުމަށް، ބައެއް މީހުންނަށް ފުރުސަތު ދެއެވެ. މިވަގުތު އިންސްޓަގްރާމްގައި މިކަން ތަޖުރިބާ ކުރަން ފެށި ނަމަވެސް، ފޭސްބުކަށް މިކަން ތައާރަފު ކުރުމުގެ ވިސްނުން އެބައޮތް ކަންވެސް، ތަރުޖަމާނު ވަނީ ހާމަ ކުރައްވާފައެވެ.