"ރީނާ....! ޕްލީޒް" ރާނިޔާ އާދޭސް ކުރިއެވެ. "އެވާހަކަ ތިހާ ސިއްރު ކުރަނީ ކީއްވެ؟" އަހަރެން މީ ރީނާގެ އެންމެ ގާތް ރަހުމަތްތެރިޔާ....! "ރީނާ ހިތާމަ ކުރާ ސަބަބެއް އަހަރެން ނަކަށް ނޭނގެ...އިއާން ދިޔައީ ވަރައް އަވަހައް އަންނާކަށްނު...."
"ނޫން....ނޫން....ރާނިޔާ....! އެ ކައިވެންޏެއް ނުކުރެވޭނެ..." ރީނާ އަށް ބޭއިހުތިޔާރުގައި ބުނެލެވުނެވެ.
ހިމޭން ވަގުތު ކޮޅެކެވެ. "ރާނިޔާ...!" ރީނާގެ ހިތުގައި ވަނީ އާދަޔާ ޚިލާފު ފުން އަސަރު ތަކެވެ. ރީނާގެ ލޮލުގައި ވަނީ މުތީ ތަކެއްހެން ވިދަވިދާ ހުރި ކަރުނައެވެ. ރާނިޔާގެ ލޯ ތެމުނެވެ. ރީނާ ކިތަންމެ ވަރަކަށް ރުޔަސް ރަހުމަތްތެރިޔާ ރޯ ތަން ދެކޭކަށް ކުޅަދާނަ އެއް ނޫނެވެ. "އަހަރެން ހުރިހާ ވާހަކައެއް ރާނިޔާ އަށް ކިޔާ ދޭނަން..." "ރާނިޔާ....!" ފިރާޝް ފުރަތަމަ ބައްދަލުވި ދުވަހު ކަންތައްތައް ދިމާވި ގޮތުން މިހާރުވެސް ހިނިއާދޭ..! އެ ދުވަހު އަހަރެން ފިހާރަ އަކުން ނިކުމެގެން އަންނަނިކޮށް ގޯޅިއެއްގެ ތެރެއިން ވަރަށް ބާރަށް ނިކުން ކުއްޖަކު އަހަރެންގެ ގައިގައި ޖެހިފައި ވެއްޓުނީ އަހަރެން އެހީތެރި ވުމުގެ ގޮތުން އަތްދިއްކޮށްލިން އަތުގައި ހިފާފައި އޭނާ ތެދުވި އެވަގުތު އޭނާ ޖަހާފައި ހުރި ސެންޓްގެ މީރުވަސް އަހަރެން ނޭފަތުން ލާފައި ސިކުޑިއަށް ވާސިލްވިއެވެ. އަހަރެންނަށް ހޭވެރިކަންވީ އޭނާ ސަލާމަށް އަތްދިއްކޮށްލުމުންނެވެ. އެވަގުތު އޭނާގެ ފުރިހަމަ ސޫރަ އަހަރެންގެ ހިތުގެ އެންމެ ފުންމިނުގައި ކުރެހުނު ކަހަލައެވެ. ހިނިތުން ވެލާން ވެސް ނޭގިފައި ހުއްޓާ އޭނާ ވާހަކަ ދައްކަން ފެށިއެވެ. "ރީނާ...! އަހަރެންގެ ނަމަކީ ފިރާޝް "ރީނާ އަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ހުރެވުނީއެވެ. ފިރާޝް ބުންޏެވެ. "މިއަދު ހަވީރު ތުނޑިން އަހަންނާ ބައްދަލު ކޮށްލެވިދާނެތަ؟" ފިރާޝް އެހެން ބުނުމުން އާނއެކޭ ބުނުމުގެ ގޮތުން ރީނާ ބޯޖަހާލިއެވެ. ފިރާޝްގެ އެރީތި ހިނިތުންވުމާއި ހިތްގައިމު ބަލައިލުން ރީނާގެ ހިތް މަސްތު ކުރުވައިފިއެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ރީނާ އުޅެނީ ފެންވަރައިގެން ފުނާ އަޅާށެވެ. ހިތުގައި ވަނީ ފިރާޝްއެވެ. ރީތިވެލައިގެން ތުނޑިއަށް ދިޔައިރު ފިރާޝް އަދި ނާދެއެވެ. ފިރާޝް ހިނގާފައި އައީ ރީނާ ގެ ހަށިގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. ރީނާ އަށް އެކަން އިހުސާސްވީ ފިރާޝް ވަރަށް ކައިރި އަށް އައިފަހުންނެވެ. ފިރާޝް ހާދަ ރީއްޗެވެ. ރަތްކުލައިގެ ގޮޅިޖެހި ގަމީހަކާއި ކަޅު ފަޓްލޫނެކެވެ. ރީތި ފަން އިސްތަށި ގަނޑެކެވެ. ފިރާޝް އައިސް މަޑުކޮއްލަމުން ބުންޏެވެ.
"ރީނާ...! ވަރަށް ރީތި! ރީނާ އާ ވަރަށް ގުޅޭ ތިކުލައިގެ ހެދުން" "އެހާރީތިތަ؟" ލަދުރަކި ހިނިތުން ވުމަކާއެކު ރީނާ ބުނެލިއެވެ. "އާނ...! ހަޤީޤަތުގައި ވެސް ވަރަށް ރީތި..." އޭނާގެ ރީތި ލޮލުގައި ލޯބީގެ އެތައް މެސެޖް ތަކެއް ވާކަހަލައެވެ. ފިރާޝް އަދިވެސް ބޮޑަށް ކައިރިވެލިއެވެ. ރީނާގެ މަޑު އަތުގައި ހިފާ ފިތާލިއެވެ. އެ ދެކުދިން ޖަޒުބާތުގެ އޮއިވަރުގައި ޖެހެމުން ދިޔައީ އެކަމުން ސަލާމަތް ނުވާނޭ ވަރަށެވެ. ދެކުދިންގެ ޕުރަތަމަ ބައްދަލުވުން ހަނދާން ނުނެތޭފަދަ އެތައް ވަޢުދު ތަކާއި އަހުދު ތަކެއް ވިއެވެ. ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތު އެ ދެ ލޯބި ވެރިން އެމީހުންގެ މަންޒިލަށް ދަތުރު ފަށަނީ ވަރަށް އުފަލުން ތިބެއެވެ.
"ދަރިފުޅާ...! މިހާރު ކޮންމެ ދުވަހަކު އެއްގަޑި އަކަށް ތިދަނީ ކޮންތާކަށް؟" "ބައްޕާ...! ނުދަމޭ ދުރަކަށް" ރީނާ ހީނލާފައި ނިކުމެގެން ދިއައީ އެވެ. ބައްޕަ ހިންހަމަ ޖައްސާ ދިނުމުގެ ގޮތުން ކިތަންމެ ބޮޑު ދޮގެއް ހަދާފައި ދިއުމަކީވެސް މިހާރު ރީނާ އަށް މާބޮޑު ކަމަކަށް ނުވެއެވެ. އެއަށް ވުރެއް ފިރާޝް އާ ބައްދަލު ކުރުން ރީނާ އަށް މާ މުހިންމެވެ.
"ތަންކޮޅެއް ލަސްވީ..." "އެނގެއޭ ކޮންމެ ދުވަހަކު އެއް ގަޑި އަކަށް ނުކުންނާތީ ބައްޕަ މައްސަލަ ޖެއްސި ކަން ..." "ކިހިނެއް އެނގުނީ ؟" "އެނގި ދާނެއެއްނު..." ބައްޕަ ގެ ހުންނަނީ މާކުރީގެ ކަޓް ގޮތްގަނޑު....." "ކީއްވެ ތިހެން ތި ބުނީ ؟" "ބައްޕަ އަބަދުވެސް ކިޔާނެ އިރުއޮއްސޭ ދަޅަ މައްޗަށް ފެންނުވަރާށޭ... ޖިންނިއެއް އަވަލަވާފާނެއޭ... ބައްޕަ އެކަހަލަ ވާހަކަ ދެއްކިއަސް އަހަރެން ގަބޫލެއް ނުކުރަމޭ..."
"އެހެންތަ؟ އެހެން ވިއްޔާ ތިޔަ އަވަލަވާ އެއްޗެއް މިހާރު އަވަލަވާފާނެއޭ.." "ކީކޭ؟" ރީނާ ބިރުން ދެލޯ ބޮޑު ކޮށްލާފައި ފިރާޝް ގެ ގައިގައި ބައްދާލިއެވެ. "މިސާލަކަށް އަހަރެން މީ ޖިންނިއެއް...އެކަމަކު ރީނާ އަހަރެން ދެކެ ލޯބިވޭ އެހެން ވެއްޖެއްޔާ އަހަރެންނާ ދުރުވާނަންތަ؟" "ދެން ތިޔަކަހަލަ ވާހަކަ ނުދައްކާ އަހަރެން ވަރަށް ބިރުގަނޭ...މިހާރު އެއޮއް އިރުއޮއްސުނީ ދެން ދަމާ ހިނގާ...." "މިރޭ ނުތެމި ރީނާ އަކަށް ގެއަކަށް ނުދެވޭނެ" "ކީއްވެ ތެމެން ވީ... ވިއްސާރަ އެއްވެސް ނޫނެއްނު...ބަލާ އުޑުމަތި ރީތިކަން..."
ރީނާ ފިރާޝްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ރަށުގެ ހޭޅިފަށާ ހަމައަށް ދެވުނު ތަނާ ވައި ގަދަވެ ވިއްސާރަ ވެހެން ފަށައިފިއެވެ. ފިރާޝް ރީނާ ގެ އަތުގައި ހިފައިގެން ދުވެފައިގޮސް ބޮޑު ނިކަ ގަހެއްގެ ދަށަށް ވަނެވެ. އެވަގުތު ގަހުގައި ނިދާފައި ތިބި ކުކުޅު ހާލާއި ކާޅުތައް ވަރައް ބާރަށް ގޮވަން ފެށިއެވެ. ދެން ފެނުނީ ހުރިހާ އެއްޗެއް އުދުހިގެން ދިޔަ ތަނެވެ. ރީނާގެ ހިތައް ބިރުވެރިކަން ވަނެވެ.
ތެމިފޯވުމުގެ ސަބަބުން ރީނާ ހީކަރުވަން ފެށިއެވެ. "ހިނގާބަލަ ހިޔާވެވޭ ކަހަލަ ތަނެއް ފެނޭތޯ.." ފިރާޝް ރީނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެވަގުތު ކުރިމަތިން ފަނުން ހަދާފައި ހުރި ކުޑަ ގެއެއް ފެނުނެވެ. ދެކުދިން ގޮސް އެގެއަށް ވަނެވެ.
ރީނާ ގޭތެރޭގައި ހުރި ކުޑަ އަށިގަނޑު މަތީގައި އިށީނެވެ. ފިރާޝް ރީނާގެ ނުހަނު ގާތުގައި އިށީނެވެ. ފިރާޝް ރީނާގެ އުނަގަނޑުގައި އަތް އަޅުވާލުމަށް ފަހު ގަޔާ ގާތް ކޮއްލިއެވެ. އެކަކު އަނެކަކުގެ ނޭވާ ގެ ހޫނު ކަން އިހުސާސް ވަމުން ދިޔައެވެ. ފިރާޝްގެ އޯގާތެރި ފިރުމުން ތަކުން ރީނާގެ ހިތް ފުރި ބަންޑުން ދަނީއެވެ. ދެހިތް ލޯބީގެ މަސްތުގައި ގެނބެމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ.
"ދަރިފުޅާ...! ދަރިފުޅު އަދި ވެސް ނުތެދުވަނީތަ؟ މިހާރު ފަތިސްނަމާދަށް ގޮވަން އެއުޅެނީ އަވަހަށް ތެދުވޭ..." މިއަދު ރީނާއަށް ރަނގަޅަށް ސައިވެސް ނުބޮވުނެވެ. އަބަދު ހިތުތެރޭގައި އޮންނަނީ ރޭގެ ހާދިސާއެވެ. ރީނާއަށް ރޮވިއްޖެ އެވެ. އެރޭ ކަންތައްތައް ވީގޮތުން އެ ހަނދާން ތަކާ ވަކިވެވޭނީ ކިހިނަކުން ހެއްޔެވެ. އެއް މަސް ފާއިތުވެގެން ދިޔައިރުވެސް ރީނާގެ ހިތުން އެކަންތައް ފިލާގޮތެއް ނުވިއެވެ.
"ރާނިޔާ .....! މީ ވެގެން އުޅޭ ގޮތަކީ" ރީނާގެ ދެލޯ ވަނީ ރޮއިރޮއި ދުޅަވެފައެވެ. ރާނިޔާ އަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ހުރެވުނީއެވެ. ރާނިޔާ ހިތައް އެރިއެވެ. މިރަށަކީ މާ ގިނަ ބަޔަކު އުޅޭ ރަށެއް ނޫނެވެ. އެބުނާ ފިރާޝް އަކީ އުޅޭމީހެއް ނޫނެވެ. ދުވަހަކު އަޑުނީވޭ ނަމެކެވެ. ރާނިޔާ އެކަހަލަ ހިޔާލެއް ގައި ހުއްޓެވެ.
ރީނާ ތުނޑި އާ ދިމާލަށް އިނގިލި ދިއްކޮށް ލާފައި ބުންޏެވެ. "ރާނިޔާ...! އެހެރީ ފިރާޝް މަށައް އެބަ ގޮވާ އަންނާނަން..." އެހެން ބުނުމާ އެކު ހިނގައިގަތެވެ. ރާނިޔާ އަށް މީހަކު ނުފެނެއެވެ. ރާނިޔާ ރީނާ ހުއްޓުވަން މަސައްކަތް ކުރިއެވެ. ރީނާ އެ އަޑުނާހާ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީއެވެ. ރާނިޔާ ވަރަށް އަވަހަށް ގޮސް ރީނާގެ ބައްޕަ މުހައްމަދު އަށް އެ ޚަބަރު ދިނެވެ. މުހައްމަދު އަށް އެނގުމާއެކު ރަށު އޮފީހަށް ގޮސް ރަށުގެ ރައްޔިތުން އެއްކުރިއެވެ. ކުދި ބޮޑު އެންމެން ވެގެން ރީނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ފަތިސް ވުމާ ގާތްވެފައި ވަނިކޮށް ނިކަގަހެއްގެ ކުރީގައި ރީނާ ހޭނެތިފައި އޮއްވައި ފެނިއްޖެއެވެ. ރީނާ ގެއަށް ގެންދެވުމާއެކު ރަށުގެ މުދިންބެގެ ލަފާގެ މަތިން ކިޔެވެލި ކިޔަވަން ފެށުނެވެ. ދޮޅު މަހެއް ހާ ދުވަހުގެ މަސައްކަތުން މުދިންބެ ރީނާ ރަނގަޅުކޮށް ދިނެވެ.
އެއްއަހަރު ފަހެވެ. ރީނާގެ ބައްޕަ މިއަދު ހުރީ ވަރައް އުފަލުންނެވެ. އޭނާގެ ހަމައެކަނި ހުރި ދަރިފުޅުގެ ކައިވެނި ކުރެވުނީ މައެވެ. މިއަދު އެހަފުލާގައި އުފާނުވާ ހަމަ އެކަކުވެސް ނެތެވެ. ރާނިޔާ ގެ ހިތާހިތުން ދުޢާ ކުރަމުން ދިއައެވެ. އޭނަގެ ރަހުމަތްތެރި އާ އަށް ދެން ދުވަހަކުވެސް އެކަހަލަ ގޮތެއް މެދުވެރި ނުކުރެއްވުމަށް އެދިއެވެ. ރީނާ އުފަލުގައި ވުމަށް ރާނިޔާ އަބަދުވެސް އެދެއެވެ. އިއާން ރީނާގެ އަތުގައި ހިފާލަމުން ބުންޏެވެ. "ރީނާ...! ދެން އެޚިޔާލު ތަކާ ދުރުވޭ ...!" ރީނާގެ ދެލޮލުން ކަރުނަ އައެވެ. އެއީ އުފާވެރި ކަމުގެ ކަރުނައެވެ. އިއާން ކަހަލަ ތެދުވެރި ވަފާތެރި އޭނަ ދެކެ ލޯބިވާ ބައިވެރި އަކު ލިބުނީމައެވެ.
- ނިމުނީ -