އިނގިރޭސިވިލާތުގެ އާބާދީގައި ހިމެނޭ، އުމުރުން 50 އަހަރުން މަތީގެ އެންމެންނާ، ހައި ރިސްކު ގުރޫޕުތަކުގައި ހިމެނޭ ހުރިހާ އެންމެނަށްވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިއާއެކު ވެކްސިން ކެމްޕޭންގެ ތެރެއިން އެންމެ މަތީ 9 ގިންތީގައި ހިމެނޭ އެންމެނަށް، އޭޕްރިލް 15 ގެ ކުރިން ވެކްސިން ޖެހުމަށް ވަޒީރުން ކަނޑައެޅުއްވި އަމާޒު މިވަނީ ހާސިލުވެފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، އެ ގައުމުގެ ބޮޑެތި މީހުންގެ އާބާދީއަށް ޖުލައި މަސް ނިމުމުގެ ކުރިން ފުރަތަމަ ޑޯޒް ޖެހުމަށް އަމާޒު ހިފާފައި ވާ ކަމަށެވެ. މި އުސޫލުން، ދެން އެންމެ އަވަހަށް ވެކްސިން ޖަހަން ފަށާނީ، އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ކަން ފަށާނީ އިންގްލަންޑްގައެވެ.

އިނގިރޭސިވިލާތުން 32 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މިދިޔަ ހޮނިހިރު ދުވަހަކީ ވެކްސިން ރޭހުގައި ރިނގިރޭސިވިލާތުން ރެކޯޑް ހެދި ދުވަހެކެވެ. އެ ދުވަހު އެ ގައުމުން ދެވަނަ ޑޯޒްގެ 475230 ޝޮޓް ޖަހާފައި ވާކަމަށް ހަބަރު ލިބެއެވެ. މިއާއެކު، 7.6 މިލިއަން މީހުން 2 ޑޯޒް ޖަހާ، ވެކްސިން ފުރިހަމަ ކޮށްފައި ވާ ކަމަށް މައުލުމާތު ލިބެއެވެ.

އިނގިރޭސިވިލާތުގެ ކޮވިޑް ވެކްސިން ކެމްޕޭންގައި 3 ވެކްސިނެއް ބޭނުން ކުރެއެވެ. އެއީ ފައިޒާ/ބައޮއެންޓެކްގެ ވެކްސިނާ، އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ވެކްސިން އަދި މޯޑާނާގެ ކޮވިޑް ވެކްސިނެވެ.