މާތްވެގެންވާ މަސްޖިދު އަލް-ޙަރަމް އަދި މަސްޖިދު އަލް-ނަބާވީގައި ކުރުކޮށް ތަރާވީހު ނަމާދު ކުރަން، މާތްވެގެންވާ 2 މިސްކިތުގެ އިސް ބެލެހެއްޓުންތެރިޔާގެ މަގާމުގައި ހުންނެވި ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބުން ޢަބްދުލްޢަޒީޒު އަލް ސައޫދު އަމުރު ކުރައްވައިފިއެވެ.

މުގައްދަސް ދެ މިސްކިތުގެ އިދާރީ ބެލެހެއްޓުންތަކާ އިސްވެރިޔާ، ޝައިހް ޢަބްދުއްރަޙްމާން އަލް-ސުދައިސް ވިދާޅުވީ، 2 މިސްކިތުގައި ކުރާ ތަރާވީހު ނަމާދުގައި، މި ރޯދަމަހު ކުރާނީ، 20 ރަކުއަތުގެ ބަދަލުގައި 10 ރަކުއަތް ކަމަށެވެ. އަދި ތަރާވީހު ނަމާދުގެ ކަންކަން ކުރިއަށް ދާނީ، މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ރައްކާތެރި ވުމަށް އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އޭގެ އެންމެ ފުރިހަމައަށް ތަންފީޒު ކުރަމުން ކަމަށްވެސް އަލް-ސުދައިސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަލް-ސުދައިސް ވިދާޅުވީ، މާތްވެގެންވާ 2 މިސްކިތުގައި އަޅުކަމުގެ ކަންކަން ކުރިއަށް ދާ ގޮތް، ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ގަވައިދުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އަޅުކަން ކުރުމަށް އަންނަ ފަރާތްތަކަށް އެންމެ ފުރިހަމަ ހިދުމަތެއް ދެވޭނެ ކަންވެސް ކަށަވަރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މާތް ﷲ މެހެމާނުންނަށް ހިދުމަތް ކުރުމަށް، 2 މިސްކިތުގައިވެސް އިންސާނީ މެކޭނިކަލް ވަސީލަތްތައް އޭގެ އެންމެ ފުރިހަމައަށް ގާއިމު ކޮށްފައި ވާނެ ކަމަށް ސައުދީއިން ބުނެއެވެ.

ކުރިއަށް އޮތް ރޯދަ މަހު، މާތްވެގެންވާ 2 މިސްކިތަށް ޒިޔާރަތް ކުރެވޭނީ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ކަމަށް ސައުދީއިން ވަނީ ކަނޑައަޅާފައެވެ. އަދި ޢުމްރާވެރިންގެ ކެޕޭސިޓީއަކީ 50000 ކަމަށާ، އަޅުކަން ކުރާ ޒިޔާރަތް ކުރާ ފަރާތްތަކުގެ ކެޕޭސިޓީއަކީ 100000 ކަމަށްވެސް ސައުދީއިން ވަނީ ހަމަޖައްސާފައެވެ.