ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިއަދު ސޯޝަލް ސެންޓަރުގައި ވެކްސިން ޖަހައި ނުދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ސޯޝަލް ސެންޓަރުގައި މިއަދު ވެކްސިން ޖަހާ ނުދިން ނަމަވެސް ނެޝަނަލް އާޓް ގެލަރީ، ސެނަހިޔާ، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި ވިލިމާލެ ޔޫތު ސެންޓަރުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދޭނެއެވެ.
ވެކްސިން ޖަހާދޭ ގަޑިތައް:
- ނެޝަނަލް އާޓް ގެލަރީ: 10:00 އިން 04:00 އަށް
- ސެނަހިޔާ: 10:00 އިން 04:00 އަށް
- ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު: 10:00 އިން 04:00 އަށް
- ވިލިމާލެ ޔޫތު ސެންޓަރު: 09:00 އިން 01:00
އޭގެ އިތުރުން ވެކްސިން ފުރަތަމަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކަށް މަޖިލީހުންނާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ހެނދުނު 10:00 އިން 03:00 އަށް ވެކްސިން ޖަހާދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 1 އިން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަމުން ދާ އިރު، ދެވަނަ ޑޯޒް ޖަހަން ފަށާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.
މިއަދު ހުޅުމާލެ ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ޖަހަން ފަށާފައި ވާއިރު އެ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންގެ އިތުރުން 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައި ވާ ހާއްސަ ހާލަތްތަކުގައި ވާ ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.