އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު ހަވީރު އިއުލާނު ކުރެވޭވަރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އަދިވެސް ހަތަރު ވޯޓު ފޮއްޓެއްގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެވޯޓު ގުނާ ވޯޓުލީ މަރުކަޒުގައި ނަތީޖާ އިއްލާން ކުރުމަށް ފަހު، ވަގުތީ ނަތީޖާ އިއްލާން ކުރުމުގެ މަސައްކަތް ފެށޭނެކަމަށެވެ.

އަދި އަތޮޅުތެރޭގެ ބައެއް ރިސޯޓުތަކުގައި 17 ވޯޓުފޮށި ގުނަމުންދާ ކަމަށާއި މިއަދު ހަވީރުގެ ވަގުތަށް ފަހު، ވަގުތީ ނަތީޖާ އިއުލާނު ކުރަން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުން މާލެ ސިޓީ އަދި އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. މީގެ އިތުރުންވެސް ފާއިތުވި 9 އަހަރު އެމްޑީޕީން ނަގަމުން ދިޔަ ގޮޑިތައް މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން، އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން 609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.