މާދަމާ ފައިޒާ ވެކްސިން ޖަހަން ފަށަން ހަމަޖެހިފައި ވާއިރު އެ ވެކްސިން ޖަހާ ކެޓަގަރީގެ އެންމެން އަވަހަށް ރަޖިސްޓާ ވުމަށް އެޗްޕީއޭ އިން އެދިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފައިޒާ ވެކްސިން ޖެހުން މާދަމާ ފަށާއިރު އެ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަކަށް ކަމަށެވެ.

ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އެޗްޕީއޭގެ ވައިބާ /ޓްވިޓާ އެކައުންޓްގައިވާ ގޫގަލް ލިންކް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ އިރު ކޮވިޝީލްޑްގެ އިތުރުން ސިނޯފާމް ވެކްސިން އަންނަނީ އާންމުކޮށް ހުޅުވާލައިގެން ދެމުންނެވެ. އަދި ފައިޒާ ވެކްސިން ޖަހަން ބޭނުންވާ އުމުރުން 16 އަހަރުން މަތީގެ ބަލި މީހުންނާއި ކުދިން، ވެކްސިން ޖެހުމަށް އެދި ރަޖިސްޓާ ވާން ވަނީ ހުޅުވާލާފައެވެ.