ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 14،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 4950 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 502 މީހަކާއި އަތޮޅު ތެރެއިން 4448 މީހެކެވެ. އެއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 265،235 އަށް އަރާފައެވެ.

އިއްޔެ ދެވަނަ ޑޯޒް 4382 މީހަކު ޖަހާފައި ވާއިރު އެއީ މާލެ ސަރަހައްދުން 3969 މީހުން އަދި އަތޮޅުތެރެއިން 413 މީހެކެވެ. މިއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު 14،951 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، ދެވަނަ ޑޯޒް ޖަހަން ފަށަފައި ވަނީ މި މަހުގެ 3 ވަނަ ދުވަހެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

އަންނަ އާދިއްތަ ދުވަހު ފައިޒާ ވެކްސިން ޖަހަން ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.